ޚަބަރު

ވަގަށް ނެގި ސަތަރި ރޯލުތަކަކާއެކު ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ލޯކަލް މާރުކޭޓު ކައިރިން ތިން ރޯލު ސަތަރި ނަގައިގެން ފިލަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާފަންނު ޕޮލިހުން މިއަދު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ އިރު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ތިން ރޯލު ސަތަރި ހިފައިގެން މިއަދު މެންދުރު 11:37 ހާއިރު ލޯކަލް މާރުކޭޓު ކައިރިން ދިޔަ މީހަކު ހުއްޓުވަން އުޅުމުން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ވަނީ އެމީހާ އަތުލައި ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އޭގެ އިތުރުން މާފަންނު ޕޮލިހުން މިއަދު ހެނދުނު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނަކާއެކު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މިއަދުގެ ހެނދުނު 10:05 ހާއިރު މާފަންނު ޕޮލިހުން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ އިރު ހަވީރީ ހިނގުމުން ފެނުނު މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އައިފޯން 6 އެއް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އިތުރަށް ބެލި ބެލުމުން އެއީ މާފަންނު ގެއަކުން ނަގާފައިވާ ފޯނެއްކަން އެނގިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން އަންނަނީ މި ދެ މައްސަލަ ވެސް އިތުރަށް ތަހުގީގުކުރަމުންނެވެ.