ޚަބަރު

ނ. އަތޮޅުގެ ދެ ރަށަކަށް ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނ. އަތޮޅުގެ ދެ ރަށަކަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެގޮތުން މި ދަތުރުފުޅުގައި ނ. މިލަދުއަށް ވަޑައިގެން ރައީސް ވަނީ މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައިދެއްވައިފައެވެ. އަދި އެ ސްކޫލަށް 50 އަހަރުފުރުނު ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެ ޖަލްސާގައި ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިލަދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން އެއަތޮޅު މަގޫދޫ ކައުންސިލާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައި މައުލޫމާތު އޮޅުންފިލުއްވާފައިވާ ކަމަށެވެ.

މިލަދުއަށް ފަހު ރައީސް ސޯލިހު ނ. ކުޑަފަރީއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިއްޔެ އެރަށުގައި ނ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ވެސް ބައްދަލުކުރައްވައި، އަތޮޅުގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުޑަފަރީ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ވެސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދެއްކެވިއެވެ. ރައީސް އޮފީހުން ބުނީ ކުޑަފަރީއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ގިރާ ސަރަހައްދާއި ކުނިކޮށި ބެއްލުވުމުގެ އިތުރުން ކުޑަފަރީ ސްކޫލުގެ ގޯތިތެރޭގައި ރައީސް ސޯލިހު މިއަދު ހެނދުނު ގަހެއް އިންދަވައި ދެއްވާފައިވާ ކަމަށެވެ.

މިލަދޫ އާއި ކުޑަފަރީއަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ.