އަލީ ރިފްޝާން
ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަސަން ޝާޒް ހޯދައިފިއެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދިޔަ ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޝާޒް ހޯދީ ފައިނަލުގައި މުހައްމަދު ޝަރީފް ބަލިކޮށްގެންނެވެ.
ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޝަރީފް އަތުން ޝާޒް މޮޅުވީ 9-5 ފްރޭމުންނެވެ. އެ މެޗުގައި ޝާޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީނާ ސަލީމް) އެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގަދަ އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަންކަން ހޯދި ޝާޒް އާއި ރަނަރަޕް މުހައްމަދު ޝަރީފާއި ތިންވަނަ ހޯދި މުހައްމަދު ދުންޔާޒާއި އިސްމާއިލް ސުވައިދާއި މުހައްމަދު ފަރީމާއި އަލީ ފަޔާޒާއި ހުސައިން ފަޔާޒްގެ އިތުރުން އަހުސަން ހާޝިމްއެވެ. އެންމެ ގިނަ ރަންއައުޓް ޖެހި ކުޅުންތެރިޔާގެ މަގާމު ޝަރީފް ހޯދި އިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އިބްރާހިމް ރަޝީދެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އާމިނަތު ފާތީއެވެ. އެ ޑިވިޝަންގެ ރަނަރަޕްކަން ދީނާ އަހްމަދު ހޯދި އިރު، ތިންވަނަ ހޯދީ ފަޒްނާ މޫސާއެވެ.
މިދިޔަ މަހުގެ 29 އިން ފެށިގެން ރޭގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 64 ކުޅުންތެރިން ވާދަކުރިއެވެ. އަދި އަންހެން ޑިވިޝަނުގައި ދިހަ ކުޅުންތެރިން ވާދަކުރިއެވެ.