ގައުމީ 9 ބޯލް ބިލިއާޑް މުބާރާތް

ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފާތީއަށް

އަލީ ރިފްޝާން

ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދާ ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފާތީ ހޯދީ ފައިނަލުގައި ދީނާ އަހްމަދު ބަލިކޮށްގެންނެވެ.

ރޭ ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލުގައި ދީނާ އަތުން ފާތީ މޮޅުވީ 7-5 ފްރޭމުންނެވެ. އެ މެޗުގައި ފާތީ އަދި ދީނާގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ އެމްޕީބީއޭ ރޭންކިންގެ ދެވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދާއި ރޭންކިންގެ ހަތަރުވަނަގައި އޮތް މުހައްމަދު ޝަރީފެވެ.

މިދިޔަ މަހުގެ 29 އިން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 64 ކުޅުންތެރިން ވާދަކުރެއެވެ. އަދި އަންހެން ޑިވިޝަނުގައި ދިހަ ކުޅުންތެރިން ވާދަކުރެއެވެ.