ޚަބަރު

ތާރީހުގައިވެސް ކިޔަވައިދިނުމަށް ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރީ މި ސަރުކާރުން: ރައީސް ސޯލިހު

ފަތޯނާ ފާއިޒު

4

ރާއްޖޭގެ މުޅި ތާރީހުގައިވެސް، ކިޔަވައިދިނުމަށް ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. ކުޑަފަރީ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސަރުކާރުން ތައުލީމަށް ދޭން ފެށި އެހީތެރިކަމުގެ ހެޔޮ ނަތީޖާ، މާތް ﷲގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ ފެންނަން ފަށާނެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކުޑަފަރީގެ ރައްޔިތުން ތަޢުލީމަށް ދެއްވި ސަމާލުކަން ފާހަގަކުރައްވައި، ކުޑަފަރީ ރައްޔިތުން މީގެ 50 އަހަރުކުރީގައި ތައުލީމު ދިނުމުގެ މަސައްކަތް ފަށައިގަތް ގޮތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ރަށުން ބޭރުން، ރާވާ ގެއެއް ގެނެސްގެން ކިޔަވައިދިނުމުގެ ކަންތައް ހަމަޖެއްސިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެރަށުގެ ތައުލީމީ ތާރީހަކީ، ގާތްގަޑަކަށް 80 ވަރަކަށް އަހަރުގެ ދިގު މާޒީއެއް އޮތް ތާރީހެއް ކަމަށެވެ.

ތަޢުލީމީ ދާއިރާގެ ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުއްވާލައްވަމުން، މި ހިނގާ ދިރާސީ އަހަރުގައި، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް 70،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުރި ސަރުކާރުގެ 213 ސްކޫލްގެ ތެރެއިން 144 ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރެވިފައިވާ އިރު، ބާކީ ހުރި 69 ސްކޫލް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ތަންފީޒީ މަރުޙަލާ މިހާރު ފެށިފައިވާކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ ނިޒާމަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަދަލުވުމުން، އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށެވެ. އެގޮތުން މި ނިޒާމުގެ ތެރެއިން ދަސްވެނިވާއިރު ދަރިވަރުން ތިބޭނީ އަމިއްލަ ޒިންމާތަކަށް ފަރިތަވެ، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހޭނެން ފަށާފައިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނ. އަތޮޅުގެ ދެ ރަށަކަށް ރައީސް ސޯލިހު އިއްޔެ ވަޑައިގެންފައިވެއެވެ. އެއީ ކުޑަފަރިއާއި މިލަދޫއެވެ. ރައީސް ސޯލިހު ވަނީ ކުޑަފަރީ އާއި މިލަދޫ އަދި މަގޫދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟