ޚަބަރު

ގޮނޑި މައްސަލަ ޖެހުނު 12 މެމްބަރުންނާ ގާސިމާއި އިމްރާން ބައްދަލުކުރައްވައިފި

ގޮނޑި މައްސަލަ ޖެހުނު 12 މެމްބަރުންނާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ގާސިމާއި އިމްރާން އެ 12 މެމްބަރުންނާ ބައްދަލުކުރެއްވީ އެ ދެބޭފުޅުން ވަކިންނެވެ.

އެ މެމްބަރުންނާ ގާސިމާއި އިމްރާން ބައްދަލުކުރެއްވި އިރު، ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުން ވަނީ އެ 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދޭން އެއްބަސްވެފައެވެ.

އިމްރާނާއި ގާސިމް، އެ މެމްބަރުންނާ ބައްދަލުކުރެއްވުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ އެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ.

ރައީސް ނަޝީދާއެކު ބޭއްވި އެ ބައްދަލުވުމަށްފަހު އެ 12 މެމްބަރުންގެ ތެރެއިން މެމްބަރަކު "ވަން އޮންލައިން"އަށް ވިދާޅުވެފައިވަނީ އެ މެމްބަރުންނަށް ޓިކެޓް ދިނުމަށް ނިންމާފައިވަނީ އެ މެމްބަރަކު ބޭނުންވާ ޕާޓީއަކުން ކަމަށާއި އެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން މެމްބަރުން ކުރެއްވި މަސައްކަތް ފާހަގަކުރެއްވުމުގެ ގޮތުން ކަމަށެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަކަށް ފަހު ކަމަށާއި އެމްޑީޕީ ހިންގުމުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިންމު ކަމަށެވެ.