ރައްޔިތުންނަށް ހިދުމަތްކުރަން ނުކުންނެވީ، ހުރިހާ ދާއިރާއަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން ބައްލަވައި، އޮޅުންފިލުވައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ ނ.ކުޑަފަރީ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް މިރޭ އެ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ތައުލީމީ ދާއިރާއާ ގުޅޭ ގޮތުން ޓީޗަރުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނު ބެއްލެވި ކަމަށާއި ދަރިވަރުން އެންމެ ބޭނުންވާ ކަންކަން ދެނެގަނެ، ބެލެނިވެރިންގެ ޝަކުވާތައްވެސް އަޑުއެއްސެވި ކަމަށެވެ.
"އެކަންކަމަށް ރިއާޔަތްކޮށް، އަޅުގަނޑުމެން މިއަންނަނީ ސިޔާސަތުތައް ބަދަލުކުރަމުން، އަދި މުހިންމު ހައްލުތައްވެސް ގެންނަމުން. އެންމެ ޅަފަތުގެ ތައުލީމުން ފެށިގެން، ޔުނިވަރސިޓީ ތައުލީމާ ހަމައަށް އަޅުގަނޑުމެން މިއަންނަނީ އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނަމުން. މި ދާއިރާ ހަރުދަނާކުރުމަށް، ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަން އަޅުގަނޑުމެން ގަބޫލު ކުރަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ މުޅި ތައުލީމީ ސިޔާސަތު ބަދަލުވެ، ކިޔަވައިދިނުމަކީ ދައުލަތުގެ ޒިންމާއަކަށް ވެފައިވާކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މިދަންނަވަނީ، ކިޔަވައިގެން މޮޅެތި ކުދިންނަށް ވުމަށް ތިޔަ ދަރިވަރުން މަސައްކަތް ކުރަންޖެހޭ ވާހަކަ. މިދަންނަވަނީ، އަޅުގަނޑުމެން މި ދެންނެވި ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ބެލެނިވެރިން ދަރިވަރުންނަށް މަގު ދައްކައިދޭންޖެހޭ ވާހަކަ. އަދި މުދައްރިސުންނާއި ސްކޫލްތަކުގެ ވެރީން އެ ނަތީޖާ ހާސިލްކުރަން އިތުރު މަސައްކަތް ކުރަންވެއްޖެ ކަމުގެ ވާހަކަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ ބޮޑު ތަފާތަކީ، އިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުމާއެކު ދިރިއުޅުމުގެ އަމަލީ މައިދާނަށް އެކުދިން އަހުލުވެރި ކުރުވުން ކަމަށެވެ.
އެގޮތުން ވަށާޖެހޭ ތައުލީމީ ނިޒާމެއްގެ ތެރެއިން "ބަރާބަރު" ޖަޒީރާ ސްކޫލްތަކެއް ހިންގުމަށް މި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅީ އެ މަގުސަދު ހާސިލު ކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.