މިނިސްޓަރު އަހުމަދު މަޙުލޫފް

ރައްޔިތުން ގެނައި ބަދަލުން ގޮތް ހުސްވެފައިވާ ކަމަށް ވިދާޅުވުމުން ޑރ. ޖަމީލަށް މަހުލޫފުގެ ފާޑުކިޔުން

ފަތޯނާ ފާއިޒު

4

އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު، ރައްޔިތުން ގެނައި ބަދަލާއެކު ރައްޔިތުންނަށް ގޮތް ހުސްވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވުމުން، ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު ފާޑުވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، އެ ޕާޓީގެ އިސް ފަރާތްތަކެއް ހިމެނޭ ޓީމަކާއެކު އދ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު އިއްޔެ ވިދާޅުވީ ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުންނަށް ގޮތް ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން ގައުމާ ދޭތެރޭ ވިސްނާ ކޮންމެ ބައެއްގެ ވެސް ޒިންމާއަކީ ރައްޔިތުންނަށް އިތުރު ގޮތްތަކެއް ހޯދައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޖަމީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅެކެވެ. ޑރ. ޖަމީލު އޭރު މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީއާ އެކީގައެވެ.

ރައްޔިތުން ގެނައި ބަދަލުން، ގޮތް ހުސްވެފައިވާ ކަމަށް ޑރ. ޖަމީލު ވިދާޅުވުމުން، ޔޫތު މިނިސްޓަރ މަހުލޫފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކަށް 200 ވޯޓު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ގައިމުވެސް ގޮތް ހުސްވާނެ ކަމެއް ކަމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑރ. ޖަމީލު ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވީ ވިލިމާލޭ ދާއިރާއަށެވެ. އެހެންނަމަވެސް ޑރ. ޖަމީލަށް ލިބިވަޑައިގަތީ 336 ވޯޓެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު އުޝާމްއެވެ. އެބޭފުޅާއަށް 826 ވޯޓު ލިބިވަޑައިގަތެވެ.

މަހުލޫފު ކުރެއްވި ޓްވީޓް
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟