ރާއްޖެ ލާމަރުކަޒީ ވެގެން އަންނަ އިރު އަންހެންނުންގެ ހިއްސާ ވަރަށް ބޮޑަށް އިތުރުކުރަން ޖެހިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ 21 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ތަމްރީން ކޭމްޕު ނިންމުމުގެ ގޮތުން ކ. މާފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތޭ. ހާއްސަކޮށް ތިޔަ އެންމެހާ ކުދިންނަށް މި ލިބިގެންދިޔަ ތަމްރީނުތަކަކީ، ލިބިގެންދިޔަ ފިލާވަޅުތައް ދަސްކުރެވި، ކޮންމެ ކަމަކީ މުސްތަގުބަލުގައި ބޭނުން ކުރާނެ ކަންތައްތަކެއްކަން،" ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަންހެނުންނަކީ މުޅި ގައުމު ތަރައްގީވެގެންދާ އިރު އެ މަސައްކަތުގައި ދެބައިކުޅައެއްބައި ހިއްސާ ކުރަންޖެހޭ ބައެއް ކަމަށާއި އެހެންވީމާ ދިވެހިރާއްޖެ ލާމަރުކަޒީ ނިޒާމަކަށް ދަތުރުކުރަމުން އަންނަ އިރު އަންހެނުންގެ ހިއްސާ ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ކޭމްޕު ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މުސްތަގުބަލުގައި ދިރިއުޅުމަކާ ކުރިމަތިލާއިރުވެސް އަމިއްލައަށް ކަންތައްތައް ކުރަން ދަންނަ، ހުނަރުވެރި ބަޔަކަށް ކުދިން ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެހެން މީހުންނާއެކު މަސައްކަތްކުރާ އިރު އަބަދުވެސް އޯގާތެރިކަން އިސްކުރުމާއި އެހެން މީހުންނަށް އަބަދުވެސް ހެޔޮއެދިގެން ކުލުނާއެކު މަސައްކަތްކުރެވޭނެ ފަދަގޮތަކަށް ވިސްނުން ބަހައްޓަން ދަސްކުރަންޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.