ދުންފަތުގެ ދުމުން އެހެން މީހުންނަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް "އަހަރެން ދެކޮޅު" މިނަމުގައި ކެމްޕެއިނެއް ފެށުމަށް "ފެމިލީ ފައުންޑޭޝަން" އިން ނިންމައިފިއެވެ.
މި ކެމްޕެއިނަކީ ފެމެލީ ފައުންޑޭޝަންގެ އިތުރުން ރާއްޖޭގެ ގިނަ ޖަމިއްޔާތަކެއް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވައިވާ ހަރަކާތެކެވެ. މިކަމާ ގުޅިގެން ކެމްޕެއިން ހިންގުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތެއް "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ދުންފަތާ ދެކޮޅަށް ހިންގާ އެ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ 6 ސެޕްޓެމްބަރު ވާ ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ. އެގޮތުން އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކާނިވާ ސަރަހައްދުގައި އެ ހަރަކާތް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހަރަކާތް ކުރިއަށްދާނެ ގޮތާ ބެހޭގޮތުން މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ ހަރަކާތުގެ ބައިވެރިންގެ ހެދުމުގެ އަތުކުރީގައި ދުންފަތާ ދެކޮޅު ނިޝާނެއް ޖަހާފައިވާ ބޭންޑެއް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި "ދުންފަތުގެ ދަތުރު" މި ނަމުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުމުގެ މެސެޖް ތަފާތު ގޮތަކަށް ފޯރުކޮށްދިނުމަށް، އެއްވުމުގެ ބައިވެރިންގެ ތެރެއިން ކަނޑައެޅޭ ބައިވެރިން އެބޭފުޅުންނަށް ނުވަތަ އެބޭފުޅުންގެ އާއިލީ މީހަކަށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބިފައިވާ ގެއްލުންތަކާއި ތަޖުރިބާ ހިއްސާކުރުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.
އަދި އެއްވުމުގެ ބައިވެރިންގެ ތެރެއިން ބައެއް ބައިވެރިން ދުންފަތުގެ ދުމުގެ ސަބަބުން އެހެން މީހުންނަށް ލިބޭ ގެއްލުންތަކާ ދެކޮޅު ހެދުމުގެ ގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ އަޑު އިއްވުމަށް، އެކަމާ ގުޅޭ ޝިއާރުތައް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން އެއްވުމުގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އެ ހަރަކާތަށްފަހު ކަމާގުޅޭ ޖަމިއްޔާތަކުގެ މެމްބަރުން، ދުންފަތާ ދެކޮޅު ޕްލޭނެއް އެކުލަވާލައި އެ މައްސަލައާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމަށް މީޑިއާ މެދުވެރިކޮށް މަސައްކަތް ކުރުމަށްވެސް ވަނީ ނިންމާފައެވެ.