ޚަބަރު

ރިލްވާންގެ މައްސަލަ: ސީޕީ އާއި ޕީޖީ، މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނާ ބައްދަލުކުރައްވައިފި

ފަތޯނާ ފާއިޒު

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރައްވައި، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ސީޕީ ހަމީދު ވަނީ ރިލްވާންގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ހޯދާފައިވާ ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ރިލްވާންގެ މައްސަލައިގައި މިރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އާ ސީޕީ ހަމީދު ބައްދަލުކުރައްވާނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ ފަސް އަހަރު ކުރިން، 8 އޮގަސްޓް 2014 ގައި ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނުއިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް ލިބުނު މައުލޫމާތާއި ހެކިންގެ ހެކިބަހަށް ބެލުމަށްފަހު މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ހުޅުމާލޭގައި ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން އޭނާ ވަގަށް ނަގައިގެން ގެންގޮސް އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ.

އަދި ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާގެ ބޯ ބުރިކޮށްލައި މަރާލި ކަމަށް ރިލްވާންގެ މައްސަލާގައި އެކުލަވާލި ތަހުގީގު ރިޕޯޓްގައިވެއެވެ. ނަމަވެސް ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން އެއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ވިދާޅުވެފައިވެއެވެ.