ރައީސް ޔާމީން އެކަނިވެ، ބިކަވެ، ނިކަމެތިވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން މާ ބޮޑަށް ވެސް ބަލިވެއްޖެ ކަމަށެވެ.
"ނިމިދިޔަ ރިޔާސީ އިންތިހާބު ތިޔަބޭފުޅުން ކާމިޔާބުކުރައްވައިފި. ރައީސް ޔާމީން މާ ބޮޑަށް ވެސް ބަލިވެއްޖެ. އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދެން ރައީސް ޔާމީނެއް ހަރަކާތްތެރިއެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަނިޔާވެރިކަމަކީ، ވައްކަމަކީ، ބޭވަފާތެރިކަމަކީ، ހިޔާނާތްތެރިކަމަކީ ކުރިއަށްދާ ކަންކަމެއް ނޫން ކަމަށާއި އެކަންކަމަކީ އިންސާނާ ނިކަމެތިކުރާ ކަމެއް ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން މިއަދު އެބޭފުޅުން އެތިބީ އެކަނިވެފައި، ބިކަވެފައި، ނިކަމެތިވެފައި، ބަލިވެފައި. މާ ސާފުކޮށް ބަލިވެފައި. ވަރަށް ބޮޑަށް ބަލިވެފައި. ތިޔަ ހުރިހާ ރައްޔިތުންގެ ހަތަރެސްފައި ބަނދެފައި ވޯޓު ލީމައި ވެސް މާ ބޮޑުތަނުން ބަލިވެ ދިޔައީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.