ވޯޓު ކަރުދާހާ ގުޅުން ހުރި ކަމެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އެނގިފައިނުވާ ކަމަށާއި ތަހުގީގުކުރާކަން އަންގާފައެއް ވެސް ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ވޯޓު ކަރުދާސްތައް ނައްތާލުމުން އެކަމާ މެދު ސުވާލުކުރުމަށް މިއަދު ހަވީރު އީސީގެ ރައީސް ޝަރީފް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.
ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީސީން ވޯޓު ކަރުދާސްތައް ނައްތާލާފައިވަނީ ގާނޫނުން ވޯޓު ކަރުދާސްތައް ބެހެއްޓުން ލާޒިމުކުރާ މުއްދަތު ހަމަވެ، ހަތް ދުވަސް ފަހުން ކަމަށާއި ވޯޓު ކަރުދާހާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާ ކަމެއް ވެސް ނޭނގޭ ކަމަށެވެ.
"ވޯޓު ކަރުދާސް އީސީން ނައްތާލާފައިވަނީ ގާނޫނުން ވޯޓު ކަރުދާސް ބެހެއްޓުން ލާޒިމުކުރާ މުއްދަތު ހަމަވެ ހަތް ދުވަސް ފަހުން. ވޯޓު ކަރުދާހާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާ ކަމެއް، ޕޮލިހުން އެކަމާ ގުޅުން ހުރި ކަމެއް ތަހުގީގު ކުރަމުންދާ ކަމެއް އީސީއަށް އެނގިފައެއް ނެތް. އަންގާފައެއް ނެތް،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އީސީން ވަނީ މިއަދު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް ނައްތާލައިފައެވެ.