ޚަބަރު

ކަންނެލި ޖަގަހަ ތަކާއި، ގޭދޮށު މަސްފެކްޓްރީތައް ގާއިމް ކުރާ، މަސްވެރިކަމުގެ ބިލު މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އޮފްޝޯ ޕްލެޓްފޯމް (ކަންނެލި ޖަގަހަ) ތަކާއި، ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީތައް ގާއިމް ކުރާ، މަސްވެރިކަމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި ބިލް ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި، 56 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަންގެ ގޮތުގައި ބޮޑު ދަލުގެ މަސްވެރިކަން، އޮޔާދާ ދަލުގެ މަސްވެރިކަން، ދަމާ ދަލުގެ މަސްވެރިކަން، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން ކުރާ މަސްވެރިކަން ވަނީ މަނާކޮށްފައެވެ.

އަދި ދޫކުރާ ދަގަނޑު ބޭނުންކޮށްގެން ކުރާ މަސްވެރިކަމާއި ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން ކުރާ މަސްވެރިކަން ވެސް ވަނީ މަނާކޮށްފައެވެ.

މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލް ކުރުމަށްޓަކައި، މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލެންސް އާއި ބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާރޑް އާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އާއި ގުޅިގެން މިނިސްޓްރީން ގާއިމްކޮށް ތަންފީޒް ކުރަންވާނެ ކަމަށް ބިލުުގައި ބުނެފައިވެއެވެ.

މި ބިލު ގާނޫނަކަށްވުމުން މަސްވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ބޭރުގެ ބޯޓު ފަހަރުން މަސް ގަތުމާއި، ރާއްޖޭގެ ސަރަހައްދުން ނިކުމެ ދިވެހި މަސް ދޯނިފަހަރުން މަސް ކުރުވޭނެ ގޮތް ގާއިމް ކޮށްދޭނެއެވެ.

މި ބިލުގައި މަނާގޮތުގައި ކަނޑައަޅާފައިވާ ކަންތައްތަކާ ހިލާފްވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއްވެސް ވަނީ ކަނަޑައަޅައިފައެވެ.