ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ފްރީޑައިވް ވޯލްޑް ރެކޯޑެއް ހަދަނީ

ޝަހީދާ އަބްދުﷲ ސައީދު

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ފްރީޑައިވް ވޯލްޑް ރެކޯޑެއް ހަދަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ މައުލޫމާތު މީޑިއާއަށް ދިނުމަށް ސްޕޮންސަރުންނާއެކު، މިއަދު ހޮޓެލް ޖެންގައިބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުނިޔޭގެ ވޯލްޑް ރެކޯޑެއް މުގުރާލުމުގެ ހަރަކާތްތައް ބާއްވަން ނިންމާފައިވާކަމަށެވެ.

"ފްރީ ޑައިވް ވޯލްޑް ރެކޯޑް" އަކީ އެންމެ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ރެކޯޑު ހަދަން ބާއްވާ އިވެންޓެކެވެ. ރާއްޖެއިން މި ރެކޯޑް މުގުރާލުމުގެ އިވެންޓު އޮންނާނީ ބަރޮސް ފަޅުތެރޭގައެވެ. މިމަހުގެ 27 ގައި ބާއްވާ މި އިވެންޓުގައި 500 މީހުން ބައިވެރިވާއިރު، މި ހަރަކާތުގައި ދުނިޔޭގެ ފްރީ ޑައިވިން ޗެމްޕިއަން ވިލިއަން ޓްރޫ ބްރިޖް ބައިވެރިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މި ވޯލްޑް ރެކޯޑް މިހާރު އޮތީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގައެވެ. ވެރޯނާއިން ރެކޯޑް ހަދާފައިވަނީ 11 އޮކްޓޫބަރު 2009 ގައެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެން ދާނީ މިމަހުގެ 26 ގައި ފެލިދެ އަތޮޅުގައި ބާއްވާ ޖަޒީރާވަންތަ ކެނޯ ރޭހަކުން ކަމަށެވެ. އެ ރޭހުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެން އަދި ފިރިހެން ޓީމަކަށް ބައިވެރިވުމަށް ދައުވަތު ދޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ކެނޯ ރޭހުގައި ވ. ކެޔޮދޫއިން އެއަތޮޅު ފެލިދޫއަށް އަންހެން ޓީމު ކެނޯގައި ފަލި ޖެހުމަށް ހަމަޖެހިފައި ވާއިރު، ފެލިދޫއިން އެއަތޮޅު ތިނަދޫއަށް ކެނޯގައި ފަލި ޖަހާނީ ފިރިހެން ޓީމުންނެވެ.

މީގެއިތުރުން ވެސް ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މިމަހުގެ 27 އަދި 28 ގައި މާލޭގައި ޓޫރިޒަމް ޖޮބް ފެއާ އެއް ބާއްވާއިރު، އަންނަ މަހުގެ އެއްވަނަ ދުވަހު އަނގޮޅިތީމް، ވިޒިޓާސް ސެންޓަރު ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އަންމަ މަހުގެ ދެވަނަ ދުވަހު ޓޫރިޒަމް އޯޕަން ޑޭ ފާހަގަކުރުމާއި އެމަހަުގެ ތިންވަނަ ދުވަހު ކިޑްސް ފުޓްބޯޅަ ފިއެސްޓާ، އަދި ހަތަރު ވަނަ ދުވަހު ޓޫރިޒަމް ކޮންފަރެންސް ގާލާ ނައިޓްވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ. ޓޫރިޒަމްގެ ދުވަހުގެ ހަރަކާތްތަކުގައި މާލޭގައި ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް ކޮންފަރެންސެއް ވެސް ބާއްވާނެ ކަމަށާއި ކޮންފަރެންސް އޮންނާނީ ޕެރަޑައިސް ރިސޯޓުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ހިންގާ ހުރިހާ އިވެންޓެއް ވެސް ކުރިއަށް ގެންދާނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ބައިވެރިންގެ އެހީތެރިކަމާ އެކުގައި ކަމަށާއި ހަރަދުތައް ކުރާނީ ވެސް އިންޑަސްޓްރީއާ ގުޅިގެންނެވެ.

ސްކޫލު ދަރިވަރުންނަށް ޓޫރިޒަމް މިނިސްޓްރީއަށް ޒިޔާރަތް ކުރެވޭނެ އޯޕަން ޑޭ އަކާއި މާލޭގެ ހުރިހާ ސްކޫލަކަށް ހިންގާ ކިޑްސް ފުޓްބޯޅަ ފިއެސްޓާއެއް ވެސް ބާއްވާނެއެވެ. އެ މުބާރާތުގައި ބައިވެރިވާ ކުދިންގެ ތެރެއިން ހޮވާލެވޭ ކުދިންނަށް ގައުމީ ސްކޮޑުން ޖާގަ ދޭން ވެސް ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދުބާއީގެ ސްޕެނިޝް ސޮކާ ސްކޫލުގައި ތަމްރީނު ހޯދުމުގެ ފުރުސަތު ދިނުމާއި އެކަންކަމުގައި ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ އަދި ރިއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން މިޝެލް ސަލްގާޑޯ ބައިވެރިވާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.