އަލީ ރިފްޝާން
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ކާމިޔާބުކޮށްދިން ލަނޑުން ގުއާމް އަތުން ރާއްޖެ މޮޅުވެއްޖެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިއަދު ގުއާމް އަތުން ރާއްޖެ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗު ކުޅެފައިވަނީ ގުއާމްގައެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ފަރާތުން ރީތި ކުޅުމެއް ފެނިގެންދިޔައެވެ. ގިނަ ކުދި ޕާސްތަކާއެކު ކުޅެމުންދިޔަ ރާއްޖެއަށް ވަނީ ހާފުގެ ކުރީކޮޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. ފޭދޫ އިއްބެ ނުރައްކާތެރި ހުރަހެއް ނަގައިދިން ނަމަވެސް، ގުއާމްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ފައިގައި އެ ބޯޅަ ލައްވާލައިފައެއް ނުވެއެވެ.
ރާއްޖެއިން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 26 ވަނަ މިނެޓުގައެވެ. ގުއާމްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވަޑް ފޭދޫ އިއްބެއެވެ.
ރާއްޖެއިން ލީޑު ހޯދުމާއެކު ފުރަތަމަ ހާފުގައި ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކުރުމަށް ގުއާމް އިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ގުއާމްއަށް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާ ނުލެވިއެވެ.
ފުރަތަމަ ހާފާ ހިލާފަށް ރާއްޖެއަށް ދެވަނަ ހާފުގައި އެންމެ ރަނގަޅު ކުޅުން ދެއްކިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ގުއާމް އިން ކުޅުން ރަނގަޅުކޮށް، ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ރާއްޖޭގެ ޑިފެންސް ލައިނާއި ގޯލްކީޕަރު މުހައްމަދު ފައިސަލްގެ މޮޅު ކުޅުމުގެ ސަބަބުން ގުއާމްއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.
ގުއާމްއަށް ލަނޑު ޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ފުރުސަތެވެ. ނެތޭނިއަލް ޕްރެސްކޮޓް ނަގައިދިން ހުރަހަކުން ގުއާމްގެ ފޯވަޑް ޝޯން ނިކްލޯ ބޮލުން ފޮނުވާލި އެ ހަމަލާ، ކީޕަރު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް، ގުއާމްގެ ޝޯން ނިކްލޯއަށް ރަތް ކާޑެއް ދެއްކުމާއެކު އެޓީމަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އޭގެ ފައިދާ ރާއްޖެއަށް ވެސް ނެގިފައެއް ނުވެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އޮތީ ގުއާމްއާއި ޗައިނާއާއި ސީރިއާ އަދި ފިލިޕީންސްއާއެކު "ގްރޫޕު އޭ"ގައެވެ. އެ ގްރޫޕުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނަން ޖެހޭނީ ޗައިނާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
މިއަދު ރާއްޖެ އިން ނުކުތް ގުއާމް އޮތީ ފީފާ ރޭންކިންގެ 190 ވަނައިގައެވެ. އަދި ރާއްޖެ އޮތީ 152 ވަނައިގައެވެ.