އުނގަންނައިދިނުމުގެ ވައްޓަފާޅި މިހާރު ވަނީ ބަދަލުވެފައި ކަަމަށާއި، މިއަދުގެ ކިޔަވައިދިނުމަކީ ދިރިއުޅެން ދަސްކޮށްދިނުމުގެ އިތުރަށް ދަރިވަރުން ގައުމީ އަދި އިޖުތިމާއީ ޒިންމާ އަށް އަހުލުވެރިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނ.މިލަދޫ ހިދާޔާ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބާގައި މިއަދު އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު އެއް މަގްސަދަކީ ހަށިހެޔޮ، ދުޅަހެޔޮ، އުފެއްދުންތެރި އަދި ޒިންމާދާރު ޒުވާން ޖީލެއް ބިނާ ކުރުންކަމަށެވެ. އަދި ބޭނުންވަނީ އަމިއްލައަށް ޒިންމާނަގަން އެނގޭ ކިޔަވައިގެން ތިބި ދަރިންތަކެއް ބިނާ ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިއަދު ކިޔަވައިދިނުމަކީ ޒިންމާދާރުވުމަށް ދަސްކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ގައުމު ތަރައްގީ ކުރާ ވާހަކަ ދައްކާއިރު އެކަން ކުރެވެން އޮތީ ރަނގަޅު ތައުލީމެއް ފޯރުކޮށްދީގެން ކަމަށެވެ. އެގޮތުން ގައުމު ތަރައްގީވާން އެދޭނަމަ އެޒަމާނެއްގައި ލިބޭނެ އެންމެ ފެންވަރު ރަނގަޅު ތައުލީމެއް ރައްޔިތުންނަށް ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވީ އެކަން ކުރުމަށް ވައުދުވެގެން ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަނީ އެ ވައުދުތައް ފުއްދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގައިދޭން ތިބީ ތިޔަ ދަރިވަރުން. މިއަތޮޅާއި މިރަށް ތަރައްގީ ކުރަން ތިބީވެސް ތިޔަ ދަރިވަރުން. ހަގީގަތުގައި ތިޔަ ދަރިވަރުން މިއަދު ތިކުރާ ކަމަކީ، މާދަމާ މިގައުމު ތަރައްގީ ކުރުމަށް ބޭނުންވާ ވިސްނުން ތިޔަ ކުދިންގެ ސިކުނޑިތަކުގައި އުފެއްދުން.'' ރައީސް ވިދާޅުވި އެވެ.
މިސަރަހައްދުގައި ރާއްޖެއަކީ ބޮލަކަށް އެންމެ ފައިސާ ޖެހޭ (އެންމެ ބޮޑު ޖީޑީޕީ) ގައުމު ކަމަށް ވާއިރު ރާއްޖެއަކީ ތަރައްގީ ގައުމެއްކަމަށް ބެލެވިދާނެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މައްސަލައަކީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަނަވަސް ނުކުރެވުމުގެ އިތުރަށް ދިވެހިންގެ ސިކުނޑިތަކުގައި ތަރައްގީގެ ވިސްނުން އުފަން ނުކުރެވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް އޮތް ހައްލަކީ ދިވެހި ކުދިންނާއި ޒުވާނުންގެ ތައުލީމާއި ތަރުބިއްޔަތަށް ހާއްސަ ސަމާލުކަމެއް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގައުމު ކުރިއަރަން ބޭނުންނަމަ ގައުމުގެ ހުރިހާ ތައުލީމީ މުއައްސަސާއެއްގެ މިސްރާބު ސީދާ ކުރުން މުހިއްމު ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. މިކަމަށް އެންމެންވެސް ސަމާލުވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވީ ކިތަންމެ ވަރަކަށް ގައުމުގެ ކަންކަން އިސްލާހު ކުރުމުގެ ވާހަކަ ދެކެވުނު ނަމަވެސް އެކަން ކުރެވޭނީ ވަކިވަކި ފަރުދުންނާއި ހަމައިން ފެށިގެން މަސައްކަތްކޮށްގެން ކަމަށެވެ.