މަގުމަތީގެ އެކްސިޑެންޓް

އައްޑޫގައި ސައިކަލު އެކްސިޑެންޓްވި މީހާ މަރުވެއްޖެ

މިދިޔަ އާދީއްތަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ކޯޒްވޭ މަތިން ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.

އެކްސިޑެންޓްގައި މަރުވެފައިވަނީ ހިތަދޫ ނާޒުކީގޭ، އަހުމަދު ޒަރީރު، 47، އެވެ.

ކޯޒުވޭމަތިން ކަހާލައިގެން ގޮސް ސައިކަލާއެކު ހިލަތަކުގެ މައްޗަށް ވެއްޓި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުމާއި ގުޅިގެން އޭނާގެ ހާލު އިތުރަށް ސީރިއަސްވުމުން އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު ފަހުއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ.

އޭނާއަށް ލިބިފައިހުރި އަނިޔާތަކުގެ ތަފުސީލު އަދި މެޑިކަލް ޓީމުން ހާމަކޮށްފައި ނުވާތީ، އެ ތަފުސީލު އަދި ހާމަކުރެވެން ނެތް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެކްސިޑެންޓާ ގުޅިގެން އޭނާ މާލެ ގެނައި އިރުވެސް، ބޮލަށް ލިބުނު ގެއްލުމުގައި ސިކުނޑިއަށް ލޭ އެޅި، ސިކުނޑި މަރުވެފައިވާކަމަށް ހަބަރު ލިބިފައިވެއެވެ.