ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހު ނ އަތޮޅުގެ ދެރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެއަތޮޅު މިލަދުއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސް މިލަދުއަށް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރަށުގެ ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުމެ ތިއްބެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިލަދޫ ހިޔާ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި އެ ސްކޫލްގައި ބިނާކޮށްފައިވާ ހަނދާނީ ބިނާ ހުޅުއްވައިދެއްވައިފައެވެ. އަދި އެ ސްކޫލަށް 50 އަހަރު ފުރޭ ރަން ޔޫބީލް ޖަލްސާގައި އެމަނިކުފާނު މިއަދު ބައިވެރިވެވަޑައިގަތުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހު މިލަދޫ ކައުންސިލް މެންބަރުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސަވާފައެވެ. އަދި އެރަށުގެ އެހެން މުއައްސަސާތަކުގެ އިސްވެރިންނާވެސް މިދަތުރުފުޅުގައި ރައީސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މިލަދޫގައި އެއަތޮޅު މަގޫދޫ ކައުންސިލް މެންބަރުންނާއި އެކު ރައީސް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދެވުވުމަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މިދަތުރުފުޅުގައި ދެން ރައީސް ވަޑައިގެންނެވުމަށް ހަމަޖައްސަވާފައިވަނީ ނ. ކުޑަފަރިއަށެވެ. ކުޑަފަރިއަށް ވަޑައިގެން އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.