ރާއްޖޭގައި ކޮންވެންޝަން ސެންޓަރެއް ބޭނުންވެއްޖެ ނަމަ އެފަދަ ތަނެއް އަލުން ހެދޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީގައި ވަނީ އީކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރެއް ގާއިމުކޮށްފައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށްފަހު އެތަނަށް މާބޮޑު އަޅާލުމެއް ދެވިފައި ނެތުމުން އެތަން ވަނީ ހަލާކުވެ މަރާމާތު ކުރެއްވުމަށް ބޭނުންވެފައެވެ.
އެއާއެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އައްޑޫ ސިޓީއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަސައްކަތް ކުރެއްވީ ކޮންވެންޝަން ޓުއަރިޒަމް ތަރައްގީ ކުރެއްވުމަށް ކަމަށެވެ.
"އެތަންތަން ވިޔަފާރީގެ އުސޫލުން ދޫކުރައްވާ ވިޔަފާރި ކުރިއަށް ގެންދިޔުމަށް ކޮންވެންޝަން ސެންޓަރުތަކުގެ ޓުއަރިޒަމް ފެށުމަށް މަސައްކަތް ކުރީ. ނަމަވެސް ކޮންވެންޝަން ސެންޓަރު ވަނީ ޔާމީން ހަލާކުކޮށްލާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
އެތަން އަލުން ކޮންވެންޝަން ސެންޓަރަކަށް ހެދުމަށް ހިޔާލު ނުގެންގުޅުއްވާ ކަަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސް ޔާމީން ފެއްޓެވި ޕްރޮޖެކްޓުގެ ދަށުން އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.