ޚަބަރު

މުޅިރާއްޖޭން ކުނި ނައްތާލައި، ކުނި ޖަމާނުވާނެ ނިޒާމެއް ގާއިމް ކުރަނީ

ރާއްޖޭގެ ހުރިހާރަށެއްގައި ހުރި ކުނިތައް ސާފުކޮށް ނައްތާލުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި، އެއަށްފަހު އިތުރަށް ކުނި ޖަމާނުވާނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް، އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރެއްވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، މިއަދު ހުށަހަޅުއްވާފައިވަނީ ކ.ތުލުސްދޫ އާއި ހިންމަފުށީގެ ނަރުދަމާގެ ނިޒާމާ ބެހޭގޮތުންނެވެ. އެ ސުވާލާ ގުޅިގެން އެހެން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޑރ.ހުސެއިންރަޝީދު ވިދާޅުވީ، ކުނީގެ މައްސަލަ ފާހަގަކުރެވެނީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި މުޅި ރާއްޖޭގައި ގިނަ އަދަދެއްގެ ކުނި އެބަހުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުނި ގިނަވެފައިވާ މައްސަލަ ހައްލު ކުރުމަށް މުޅި ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމް ފަރުމާކޮށް، އެކަމަސް ރައީސް އޮފީހުން ހުއްދަވެސް ދެއްވާފައިވާ ކަމަށެވެ. އެކަންތައް މިހާރު އޮތީ ބިޑު ކުރުމަށް ފިނޭންސް މިނިސްޓަރަށް ހުށަހަޅާފައި ކަމަށްވެސް ވިދާޅުވިއެވެ.

އެމަޝްރުއަށްފަހު، އަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި އިތުރަށް ކުނި ޖަމާނުވާނެ އިންތިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.