އައްޑޫ ސިޓީ

އިބޫގެ ސަރުކާރުން އައްޑޫ ސިޓީގައި ތިން ރަށެއް ހިއްކާނަން: ރައީސް ނަޝީދު

ޝަހީދާ އަބްދުﷲ ސައީދު

2

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އައްޑޫ ސިޓީގައި ތިން ރަށެއް ހިއްކާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިގު މުއްދަތަކަށް އަމިއްލައަށް ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގެން އަތޮޅުތަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އައު ސަރުކާރުން އައްޑޫގައި ތިން ރަށެއް ހިއްކުމަށްފަހު ރިސޯޓުތައް ގިނަ ކުރާނެ ކަމަށެވެ.

ތިން ރަށެއް ހިއްކާނެ ކަމަށް ވިދާޅުވި ނަމަވެސް ހިއްކަނީ އައްޑޫ ސިޓީގެ ކޮން ސަރަހައްދަކުން ކަމެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ. ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ އައްޑޫގެ އެއާޕޯޓް އިންޓެނޭޝަނަލް އެއާޕޯޓަކަށް ހައްދަވާނެ ކަމަށެވެ.

އަދި އިބޫގެ ސަރުކާރަކީ އައްޑޫ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭނެ ސަރުކާރެއް ކަމަށާއި، އިބޫގެ ސަރުކާރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އެބަ އުފެދޭ ކަމަށެވެ. އަދި އިންޑިއާގެ ހަމަޖެހުމަކީ ރާއްޖޭގެ ހަމަޖެހުން ކަމަށާއި، އިންޑިއާގެ ހަމަޖެހުން ހޯދުމަކީ ދިވެހިން ވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

''އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އެބައުފެދޭ. އިންޑިއާގެ ހަމަޖެހުމަކީ އަޅުގަނޑުމެންގެ ހަމަޖެހުން. ހަމަޖެހުން ހޯދުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު މެންދުރު ފަހު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ އައްޑޫ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟