ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

މަރިޔަމް ޝަހުދާ

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް މއ. އާޕިޔާ، އަހުމަދު ޒާހިރު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ޒާހިރު އައްޔަން ކުރެއްވިއިރު އޭނާ މިހާތަނަށް ހުންނެވީ ޓްރައިބިއުނަލްގެ މެމްބަރެއްގެ ގޮތުގައެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ޓްރައިބިއުނަލްގެ ރައީސް ކަމަށް މިއަދު ރައީސް ބޭފުޅަކު އައްޔަން ކުރައްވާފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝިފާއު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޒާހިރަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ''ބެޗްލާ އޮފް ލޯ'' ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.