ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެން ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ބެހޭ މައްސަލައެއް ބަލަން ނިންމައި، އެ މައްސަލަ ބެލުމަށް ކުރިން އެބޭފުޅާގެ އެހެން މައްސަލައެއް ބެލުމަށް އެކުލަވާލައިފައިވާ ކޮމިޓީއަށް ފޮނުވުމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ޖޭއެސްސީން އިތުރަށް ބަލަން ނިންމީ ހަސަން އަލީގެ ކޮން މައްސަލައެއް ކަމެއް ބުނެފައެއް ނުވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ހަސަން އަލީއާ ގުޅޭގޮތުން ޖޭއެސްސީން މިއަދު ބަލަން ނިންމި މައްސަލައަކީ ރިލްވާންގެ މަރުގެ ތަހުގީގާ ގުޅިގެން ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހަސަން އަލީއާ ގުޅޭގޮތުން ފާހަގަކޮށްފައިވާ މައްސަލައެވެ.
އެގޮތުން ރިލްވާންގެ މައްސަލައާ ގުޅިގެން 2016 ޖެނުއަރީ 24 ވަނަ ދުވަހު ހަސަން އަލީ ފުލުހުންނަށް ދީފައިވާ ބަޔާނަކާ ހަވާލާދީ މަރުތަކާ ބެހޭ ކޮމިޝަނުން އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ހަސަން އަލީ ހުންނެވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ދެ ފުލުހަކު އޭނާއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓެއް ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އެ ޕާސްޕޯޓް ހައްދަން ބޭނުންވަނީ އޭނާ ރާއްޖެއިން ބޭރަށް ދިޔަކަން ދެއްކުމަށް ކަމަށް ބުނުމުން ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަކަމެއް ނުކުރެވޭނެ ކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި ނަމަވެސް ރަސްމީ ލިޔުމެއް ނުގެނެވޭނެ ކަމަށް ފުލުހުންގެ ދެ މީހުން ބުނި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އަދި އެހެން ބުނުމުން، ދެ ފުލުހުން ބޭނުންނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވި ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނައިރު، މިދިޔަ ޖުލައި މަހު ވެސް އޭނާގެ މައްސަލައެއް ބަލަމުންދާކަން ޖޭއެސްސީން ވަނީ ބުނެފައެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކެމްޕެއިން ކޮށްދިން ކަމަށް ތުހުމަތު ކުރެވޭ އެ މައްސަލަ ބެލުމަށް ޖޭއެސްސީން ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ އާއި ދެ މެމްބަރުން ކަމަށްވާ މުހައްމަދު އީސާފުޅު އަދި އިބްރާހިމް ރިފްއަތެވެ.