ޚަބަރު

ރިލްވާންގެ މަރަކީ މީޑިއާއަށް ދިން އުދުވާނީ ހަމަލާއެއް، ހަރުކަށިކޮށް ކުށްވެރިކުރަން: އެމްއެމްސީ

މަރިޔަމް ޝަހުދާ

ދުރާލާ ރާވައިގެން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މަރާލުމަކީ މީޑިއާއަށް ދިން އުދުވާނީ ހަމަލާއެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

ރިލްވާން ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެކުލަވާލި ޑްރާފް ރިޕޯޓުން ހާމަވީ ރިލްވާނަށް ދިން ހަމަލާއަކީ ނޫސްވެރިންނަށްދިން ހަމަލާއެއް ކަމަށެވެ.

އަދި މި ހަމަލާއަކީ ނޫސްވެރިންނަށް ދިން ހަމަލާއަކަށްވާތީ އެކަމާ އެ ކައުންސިލުން ކަންބޮޑުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

''ދުރާލާ ރާވައިގެން ރިލްވާން މަރާލި މަރާލުމަކީ މުޅި މީޑިއާއަށް ދިން އުދުވާނީ ހަމަލާއެއް ކަމުގައި ވެސް މީޑިއާ ކައުންސިލުން ދެކެމެވެ. އެހެންކަމުން މީޑިއާއަށް ދެވޭ މިފަދަ ހީލަތްތެރި ހަމަލާތަކާ މެދު މީޑިއާ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ހާލު، މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.'' އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރިލްވާން މަރާލުމަކީ ރާއްޖޭގެ މީޑިއާގެ ކުރިމަގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވި ބިރުވެރި އަދި ނުރައްކާތެރި ކަމެއް ކަމަށާއި އަދި ރިލްވާންގެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލު އޮތުމަކީ އެކަމާ ލަދުގަނެ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެފަދަ ކަމެއް ތަކުރާރުނުކޮށް ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ލަސްނުކޮށް އަޅާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ކަމާބެހޭ މުއައްސަސާތަކުން ދިނުމަށް ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވާ އެންމެހާ ހުރަސްތައް ނައްތާލުމަށް ސީރިއަސް މަސައްކަތްތަކެއް ކަމާބެހޭ މުއައްސަސާތަކުން ކުރުމަށް ގޮވާލަމެވެ. އަދި ނޫސްވެރިންނާއި މީޑިއާ ސްޓޭޝަންތަކަށް ދޭ އެކި އިންޒާރުތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ތަހުގީގުކޮށް އަދި ނޫސްވެރިންގެ މަސައްކަތަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ،" އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ނޫސްވެރިންގެ ރައްކާތެރިކަމަށާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވައި އެމްއެމްސީގެ ބަޔާނުގައި އިތުރަށް ވަނީ، ރިލްވާންގެ މައްސަލައިގެ ހަބަރުތައް ޒިންމާދާރު ކަމާއެކު ފެތުރުމަށާއި ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ހުރަސް އެޅޭނެ ފަދަ ގޮތަކަށް އަމަލު ނުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.