ޚަބަރު

ކުށް ކިޔުނު ދަރިވަރުގެ ވީޑިއޯ ދައުރު ނުކުރުމަށް އެދިއްޖެ

ފަތޯނާ ފާއިޒު

މިހާރު ކުރިއަށްދާ ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރަކު ކުށެއް ކިޔުނު ވީޑިއޯ މީސްމީޑިއާގައި ދައުރު ކުރަމުންދާތީ އެކަން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ކުށް ކިއިފައިވާ ވީޑިއޯ، އެ ކުއްޖާގެ ހައްގަށް އުނިކަން އަންގަ ގޮތަށް ދައުރު ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން ނުކުރުމަށް އެދޭ ކަމަށެވެ.

އެ ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފަށާފައިވަނީ އިއްޔެއެވެ. ވީޑިއޯއިން ފެންނަނީ ކުޑަ ކުއްޖަކު ކިޔަވަމުންދަނިކޮށް އޭނާއަށް ކުށެއް ކިޔުނު ތަނެވެ. އަދި އެ ވީޑިއޯ ގިނަ ބަޔަކު ޝެއާ ކުރަމުންދާއިރު އެކަމަކީ ހަނގާ ކުރުމުގެ އަމަލެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިފަހަރުގެ ޤުރުއާން މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އާންމު ބަޔާއި ސްކޫލް ކުދިންގެ ބައި އަދި ހާފިޒުންގެ ބައެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 1،273 ފަރާތުން ބައިވެރިވެއެވެ. އެއީ ސްކޫލްތަކުން 1031 ބައިވެރިންނާއި އާންމު ބައިން 238 ބައިވެރިން އަދި ހާފިޒުންގެ ބައިން ހަތަރު ބައިވެރިއެކެވެ.