ޚަބަރު

ރިލްވާން ރަހީނުކޮށް މަރާލުމަކީ ދިވެހި ދައުލަތުން ރާވައިގެން ހިންގިކަމެކޭ ނުބުނެވޭނެ އެއްވެސް ޖާގައެއްނެތް

އިބްރާހިމް ޒަކީ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް، ގެންގޮސް މަރައިލުމަކީ ދިވެހި ދައުލަތް ރާވައިގެން ހިންގި ކަމެކޭ ނުބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ރިލްވާން މަރައިލި މީހުންނަށް ފާރަލައި ދިނީ ދިވެހި ފުލުހުން ކަމަށާއި، އެމީހުން އެކަމުން ސަލާމަތް ވުމަށް ޕާސްޕޯޓުތައް ހަދައިދީ ސަލާމަތްކަންހޯދައިދިނީ އިމިގްރޭޝަން ގައި ތިބި ބަޔަކު ކަމަށެވެ. އަދި އެކަމަށް ފައިސާ ދިނީ ދިވެހި ރަށްތަކުގައިތިބި ފައިސާވެރިން، އޮޑިދޯނި ފަހަރު ދުއްވައި، ފޮތި ފިހާރަތައް ހިންގާ މީހުންކަމަށްވެސް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ރިލްވާނަށް ދިމާވި ބިރުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ދިމާވެދާނެކަމަށް ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި އަޑީގައިވާ އަނދިރި، ބާރުގަދަ، ވަރުގަދަ، ދައުލަތެއް މިހާރު ރާއްޖޭގައި މިއޮތް ދައުލަތުގައި ވަކިހިއްޕާލާފައިވާ ކަމާ ދޭތެރޭ ޝަކު ކުރެވޭނެ އިތުރު ޖާގައެއްނެތް ކަމަށްވެސް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އަމަލީގޮތުން ރިލްވާން މަރައިލިމީހުން ބޭރު ގައުމުތަކަށް ހަނގުރާމައަށްގޮސް މަރުވެފައިވީނަމަވެސް، ބިރުގަންނަންޖެހެނީ، އެކަމަށް ފައިސާ ހަރަދުކުރި މީހުން އަދިވެސް ސަލާމަތުން ތިބުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމީހުންގެ ވިޔަފާރިތައް އަދިވެސް ކުރިއަށްދާ ކަމަށާއި، ދޯނި ފަހަދު އަދިވެސް ދުއްވަމުން ގެންދާ ކަމަށާއި ފޮތި ފިހާރަތައްވެސް ހިނގަމުންދާ ކަމަށެވެ. އަދި އެމީހުންނަކީ ކޮންބައެއްކަން އިނގޭއިރު، އެ ރިޕޯޓް އާއްމު ވުމާއެކު ޓެގު އަޅުގައި އެމީހުން ތިބެންޖެހޭނީ މުޖުތަކައުގެ ނުރައްކަލަކަށް ނުވާވަރު ކޮށްފައި ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ބިރުވެރިކަން ނައްތާކުމަށް އެމީހުން މުލުން ލުހެލަން ޖެހޭ ކަމަށެވެ.

އެގޮތުން މުޅި ފުލުސް އޮފީހާއި ފުލުހުންގެ އިންޓެލިޖެންސް މުލުން ލުހެލައިގެން ނަމަވެސް ދިވެހި ދައުލަތް މިކަމުން ސަލާމަތްކުރަންޖޭ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނަސް ފުލުސްއޮފީހަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ފަނޑިއާރުގެއަށް ގެންނަންޖެހޭ ބަދަލެއް ގެންނަންޖެހުނަސް އެކަންކުރަންޖެހޭ ކަމަށެވެ.