އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ރައީސް އަހްމަދު ޝަރީފް، ފުލުހަށް ހާޒިރުކޮށްފައިވަނީ އީސީން ވޯޓު ކަރުދާސްތައް ނައްތާލުމާ ގުޅިގެން އެކަން ސާފުކުރުމަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް އީސީގެ ރައީސް ޝަރީފް ހާޒިރުކޮށްފައެވެ. ޝަރީފްއާއެކު އީސީގެ އެހެން ބައެއް މެމްބަރުން ވެސް ފުލުހުންގެ އިދާރާއަށް ދިޔަ ނަމަވެސް، ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ހަމައެކަނި އެ ކޮމިޝަންގެ ރައީސް ޝަރީފަށެވެ.
އެކަމާ ގުޅޭގޮތުން އީސީގެ ގާނޫނީ ޓީމުގައި ހިމެނޭ ވަކީލެއް ވިދާޅުވީ ޝަރީފް ފުލުހަށް ހާޒިރުކުރީ ކޮންމެހެން މައްސަލައެއް އޮވެގެން ނޫން ކަމަށާއި އޭނާ ކޮމިޝަނަށް ހާޒިރުކުރީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވޯޓު ކަރުދާސް ނައްތާލި ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް ކަމަށެވެ.
ޝަރީފް ފުލުހަށް ހާޒިރުކޮށްފައިވާ އިރު، ސަރުކާރު ހިންގާ ޕީޕީއެމް އިން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ކޮށްފައެވެ. ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލްކޮށް އާ އިންތިހާބެއް ބޭއްވުމަށް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ޕީޕީއެމްއިން ހުށަހެޅި ނަމަވެސް، ސުޕްރީމް ކޯޓުން ނިންމީ އިންތިހާބު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.