ޚަބަރު

އެމްޑަބްލިއުއެސްސީގެެ މުވައްޒަފުންނަށް ޖެންޑާ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފި

އާނިފާ ހުސެއިން ސިރާޖް

1

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ 66 މުވައްޒަފަކަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ޖެންޑާ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފިއެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ އަންހެނުންގެ ހައްގުތަކާއި މިންތީގެ ތަފާތުކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފައްދައި ޖިންސީ ހަމަހަމަކަމުގެ ގާނޫނާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް މުވައްޒަފުން އަހުލުވެރިކުރުވައި މި ބާވަތުގެ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުވުން ކަަމުގައި ޖެންޑާ މިނިސްޓްރީން ބުނެއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެމްޑަބްލިއުއެސްސީގެ ސީނިއާ މެނޭޖްމަންޓާއި ސުޕަވައިޒާ ލެވަލްގެ މުވައްޒަފުންނާއި ހިއުމަން ރިސޯސް އަދި ލީގަލްގެ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމުލަ 55 ފިރިހެން މުވައްޒަފަކާއި 11 އަންހެން މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގެ އިތުރުން ޖެންޑާ މިނިސްޓްރީން މި އަހަރު ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 50 މުވައްޒަފަކަށް ވެސް ޖެންޑާ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟