ޚަބަރު

ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީތަރައްގީ ގެނައުމަށް ގަރާރު ހުށަަހަޅައިފި

އިބްރާހިމް ޒަކީ

ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް، ޒަމާނީ ތަރައްގީ ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދެވެ.

މި ގަރާރުގައި ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް، ޒަމާނީ ތަރައްގީ ގެނައުމަށް އިލެކްޓްރޯނިކް އަދި އޮންލައިން ކޮމާސް ރާއްޖޭގައި ފުޅާ ކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.

ގަރާރުގައި ބުނެފައިވަނީ، މިއީ ރަށްރަށުގައި އުފައްދާ ތަކެއްޗާއި، ރަށްރަށުގައި ކުރިއަރުވަމުންގެންދާ ވިޔަފާރި، ބޭރު ދުނިޔެއަށް ބަންދުކުރެވިފައިވާ ކުރެވުމަށް ނިމުމެއް ގެނެސް، ރަށު ބަންދުވެފައިވާ މައްސަލައަށް ހައްލު ހޯދުމުގެ މަގުސަދުގައި ހުށަހެޅި ގަރާރެއް ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ، ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުށުނާރާގޮތަށް، ފަސޭހަކަމާއެކު ބެލެހެއްޓޭނެ އޮންލައިން ބިޒްނަސް ޓު ބިޒްނަސް އަދި ބިޒްނަސް ޓު ކޮންޒިއުމާ ނިޒާމެއް ގާއިމްކުރުމަށް ގޮވާލާ ކަމަށެވެ.

ދައުލަތުގެ އިދާރާތަކަށް ވިޔަފާރިތަކުން ލިބެން ޖެހޭ ފައިސާ ބަރާބަރަށް ނުލިބި، އިދާރީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ކުރިމަތި ވެފައި ވަނީ، ވިޔަފާރި ހިންގުމަށް ބޭނުން ކުރާނެ އިލެކްޓޯނިކް ނިޒާމެއް ގާއިމްވެފައި ނެތުމުން ކަމަށް މި ގަރާރުގައި ބުނެފައި ވެއެވެ.

މި ގަރާރުގައި، ދިވެހިރާއްޖޭގެ ޕޯސްޓްގެ ނިޒާމް ޒަމާނީ އިލެކްޓްރޯނިކް ނިޒާމަކުން ގުޅާލައި، ޑެލިވާ ކުރެވޭ މުދާ އިންޝުއަކޮށް ރައްޔިތުންނަށް އަގުހެޔޮކޮށް ލިބޭނޭ ގޮތް ހެދުމަށްވަނީ ހިމަނައިފައެވެ.