ޚަބަރު

މީހުން މަގާމުން ވަކިކުރަން ގާނޫނަށް ބަދަލުގެނައުމަކީ ރުހޭ ކަމެއްނޫން: ގާސިމް

އިބްރާހިމް ޒަކީ

އެކި އެކި މަގާމުތަކުގައިތިބޭމީހުން، އެ މަގާމުތަކުން ވަކިކުރަން، ގާނޫނުތަކަށް ބަދަލު ގެނައުމަކީ ރުހޭކަމެއްނޫން ކަމަށް ވިދާޅުވެ، މިނިވަން މުއައްސަސާތަކުގެ ގާނޫނުތަކަށް ސަރުކާރުން ހުށަހަޅާބައެއް އިސްލާހުތަކަށް ރައްޔިތުންގެ މަޖިލީހުގެ މާމިލިނލީ ދާއިރާގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޑު ވިދާޅުވެއްޖެއެވެ.

ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވަކި ގޮތްތަކެއް ކަނޑައެޅި ބަޔާންވެގެން އޮއްވައި، ގާނޫނުތައް އިސްލާހުކޮށްގެން ކަންތައްތައްކުރަން ފެށުމަކީ އިހައްދުވަހު ކަންތައްތައް ކުރިގޮތާ ހިލާފު އުފެދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑު މިދަންނަވަނީ، ގާނޫނަކަށް އިސްލާހު ގެނަަސްގެން އެއްވެސް މަގާމަކުން މީހަކު ވަކިކުރުމަކީ، އެއްގޮތަކަށް ވެސް އަޅުގަނޑުމެން ރުހޭ ކަމެއްނޫނޭ، އެހެން މިދެންނެވީ، ގާނޫނުގައި ނުވަތަ ގާނޫނުއަސާސީގައި ކަނޑައެޅިގެންވާ ވަކި ގޮތްތަކެއް އޮއްވައި ގާނޫނު އިސްލާހު ކޮށްގެން އެކަންތައްތައް ކުރަންފެށީމާ، އިހައްދުވަހު އަޅުގަނޑުމެން ކަންތައްކުރިގޮތާ އަޅުގަނޑުމެންނާ ހިލާފްތަކެއް އެބަ އުފެދޭ،" ގާސިމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ބަލައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް އެމައްސަލަ ގެނަސް އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރި މައްސަލަ ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ މަޖިިލީހުން ކަންތައް ކުރިއަށް ގެންދަން ޖެހޭނީ އެ އުސޫލުން ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރަން އަޅުގަނޑުމެންނަށް ފެނުނު ލައިވްކޮށް ތަހުގީގެއް ހިންގައި އޭގެ މައްޗަށް ބެއްލެވުމަށްފަހު ރިޕޯޓެއް ހައްދަވައިގެން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގެންގޮސް ރިޕޯޓްހަދައި ގާނޫނުއަސާސީގައި ވާގޮތުގެ މަތިން މި މަޖިލީހަށް ގެނަސް މި މަޖިލީހުން އެކަން ނިންމީ، އެ އުސޫލު އަޅުގަނޑުމެން ދަމަހައްޓަންޖެހޭ،" ގާސިމް ވިދާޅުވިއެވެ.

ނަމަވެސް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށާއި، މީރާގެ ބޯޑު އަލުން އެކުލަވައިލަންޖެހޭގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހުކުރަން މަޖިލީހުން އިއްޔެ ފާސްކޮށްފައިވާތީ، ގާސިމް ވިދާޅުވީ، އެގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމަކީ ހަމަޖެހޭކަމެއްނޫން ކަމަށެވެ.

އޭގެ ބަދަލުގައި މީހަކު ގޯހެއް ހަދައިފިނަމަށް އެކަަން މަޖިލީހަށް ގެނަސް މަޖިލީހުން ބަލައި މަޖިލީހުން އެކަން ކުރިއަށް ގެންދިއުމަކީ މުހިއްމުކަމެއް ކަމަށްވެސް ގާސިމް ވިދާާޅުވިއެވ.