ހުޅުމާލޭ ފޭސް ދޭއްގައި އިންޑިއާ އެމްބަސީގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމްބަސީގެ ބިންގާ އަޅުއްވައި ދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. އޭނާ ރާއްޖެ ވަޑައިގެންފައިވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ބޭރު ގައުމުތަކުގެ އެމްބަސީތައް އެޅުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30،000 އަކަފޫޓުގެ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި، ހުޅުމާލޭގައި ހަދާ ޑިޕްލޮމެޓިކް އެންކްލޭވުގައި އިންޑިއާ އެމްބަސީ އެޅުމަށް ދިން ބިމުގައި އިމާރާތް އެޅުމަށްޓަކައި މިއަދު ވަނީ ބިންގާ އަޅާފަ އެވެ. އެ ސަރަހައްދަށް ބޭރު ގައުމުތަކުގެ ހުރިހާ އެމްބަސީތައް ބަދަލު ކުރަން ވަނީ ނިންމާފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ މިހާރު ހިންގަނީ ހ. އަތިރީގޭގެ އިމާރާތެއްގައެވެ.