ބ. އޭދަފުށި

30 އަހަރު ފަހުން އޭދަފުށިން ގޯތި ދޫކުރަން ހުއްދަ ދީފި

ޝަހީދާ އަބްދުﷲ ސައީދު

30 އަހަރު ފަހުން ބ. އޭދަފުށިން ގޯތި ދޫކުރުމަށް ޕްލޭނިން މިނިސްޓްރީން ހުއްދަ ދީފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހުމާނު މިއަދު ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު ޕްލޭނިން މިނިސްޓްރީން ހުއްދަ ދީފައިވަނީ އެ ރަށުން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރުމަށް ކަމަށެވެ.

ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ހިއްކި ބިމުން ގޯތި ދޫކުރުމަށް ވާންޖެހޭ ތައްޔާރިތައް މިހާރު ވަމުން އަންނަ ކަމަށް ތޮލާލު ވިދާޅުވިއެވެ. އެގޮތުން އެކަމަށް ހާއްސަ ކޮމެޓީއެއް އެކުލަވައިލައި، ވަކި އުސޫލުތަކެއް ކަނޑައަޅައި، ގޯތީ ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލާނެ ކަމަށް ވިދާޅުވިއެވެ.

ގޯތި ދޫކުރާނީ ކައުންސިލުން ދޫކުރާ ފޯމުގައި ހުރި މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުމުން، އެކަމަށް އެކުލަވައިލާފައިވާ ކޮމެޓީން ފޯމުގެ ސައްހަކަން ބެލުމަށްފަހު ކަމަށް ތޮލާލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ވުމާއެކު ގޯއްޗަށް ބޭނުންވެފައިވާ ވަރަށް ގިނަ ރައްޔިތުން އެބަ ތިބި ކަމަށެވެ. އަދި މީގެކުރިން އެކި ދައުރުގައި ގިނަ ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވެގެން ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާކަމަށްވެސް ތޮލާލު ވިދާޅުވިއެވެ.

އޭދަފުށިން ގޯތި ދޫކުރުމަށް ހުއްދަ ދީފައިވަނީ 2014 ވަނަ އަހަރު ހިއްކާފައިވާ 25 ހެކްޓަރުގެ ސަރަހައްދުންނެވެ. އާބާދީގައި 3300 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުއްޓަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ރަށުގެ ހޭޅިފަށް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކުން ގޯތި ދޫކޮށްފައިވާއިރު ހޭޅިފަށް މިހާރު ބޭނުންކުރަނީ ގްރީން ޒޯނުގެ ގޮތުގައެވެ.