ގޯލްޑަން ފުޓްސަލް ޗެލެންޖް

ޕެނަލްޓީގައި އޭދަފުށި ކަޓުވާލައި ގަން ސެމީއަށް، ދެން ވާދަކުރާނީ ނައިވާދުއާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލުން ލ. ގަމާއި ހދ. ނައިވާދޫން ޖާގަ ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލް މެޗުތައް ރޭ ކުޅެފައިވާ އިރު، ކުއާޓާ ފުރަތަމަ މެޗުގައިވެސް ވާދަކުރީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރީ ލ. ގަމާއި ބ. އޭދަފުއްޓެވެ.

އެމެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީއާއެކު ގަމުން މެޗު ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ.

ރޭގެ ކުއާޓާ މެޗު ވަރުގަދަކޮށް ފެށީ އެންމެފަހުގެ ޗެމްޕިއަން އޭދަފުއްޓެވެ. އެޓީމުން ވަނީ ހަތްވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެއީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ޖެހި ގޯލުންނެވެ. އެ ގޯލަށް ހަތް މިނެޓް ފަހުން މުއާޒް އަލީ ޖެހި ގޯލާއެކު އޭދަފުށިން ދެވަނަ ގޯލެއްވެސް ޖެހިއެވެ.

ދެވަނަ ހާފަށް ނުކުތްއިރުވެސް އޭދަފުށިން ދެ ގޯލުގެ ލީޑެއްގައި އޮތް ނަމަވެސް، ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައި ގަމުން މެޗު އެއްވަރުކުރިއެވެ. އެ ދެ ގޯލުވެސް ޖެހީ ހަސަން ފައްވާޒް (ފައްވަ) އެވެ.

ޕެނަލްޓީއަށް ގޮސް، އޭދަފުށީގެ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އާއި މުހައްމަދު ފާސިރު (ފާއްޓެ) އަދި ހުސައިން ޝަރީފް ޖެހި ޕެނަލްޓީތައް ކާމިޔާބުކުރި އިރު، ގަމުގެ އަހުމަދު ހަލީމް (އަންމަޑޭ) ޖެހި ޕެނަލްޓީއާއެކު ބޮޑު މައްސަލަގަނޑެއްވެސް ޖެހިފައިވެއެވެ.

ގަމުގެ އަންމަޑޭ ޖެހި ޕެނަލްޓީ، އޭދަފުށިން ޕެނަލްޓީއަށް ނެރުނު ކީޕަރު މުހައްމަދު އަޖުފާން މަތަކޮށް ހިފައިގެން އޭނާ ގޯލު ތެރެއަށް އޮށޯތުމާއެކު ބޯޅަ އެތެރެވިހެން ހީވި ނަމަވެސް ލައިން ބަލަން ހުރި ރެފްރީ ފުރަތަމަ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެހެންނަމަވެސް ފަހުން ގަމުން ޝަކުވާ ކުރުމުގެ ތެރޭގައި، އެ ނިންމުން އަލުން ބަލައި ރެފްރީ ނިންމުން ބަދަލުކުރިއެވެ.

އޭގެފަހުން ގަމުގެ ކީޕަރު އަހުމަދު ހުޝާމް (ގުންޒާލޯ) ގެ މޮޅު ސޭވެއް ފެނިގެން ދިޔަ އިރު، ގަމަށް ދެން ޕެނަލްޓީ ވެއްދީ އަލީ ޝާމިސް (ތޮއްޕެ) އާއި މުހައްމަދު ރަޒާން އަދި ފައްވައެވެ.

މިދިޔަ އަހަރުވެސް ގޯލްޑަންގެ ފައިނަލް ކުޅެފައިވާ ގަމުން ސެމީގައި ނުކުންނާނީ މުޅިން އަލަށް ސެމީއަށް ދިޔަ ނައިވާދުއާ ދެކޮޅަށެވެ.

ނައިވާދޫން ރޭ މަހިބަދުއާ ވާދަކުރި މެޗު 7-4 އިން ކާމިޔާބުކުރި އިރު، މެޗުގެ ފަހުކޮޅުގައި މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)ގެ އިތުރުން ދެ އޮފިޝަލަކަށްވެސް ރަތް ކާޑު ދައްކާފައިވެއެވެ.

އަނިޔާގެ ސަބަބުން ނައިވާދޫގެ ކެޕްޓަން އަބްދުﷲ ޝާފިއު (ޝާއްޕެ) އަށް ރޭގެ މެޗު ކުޅެވިފައި ނުވާ އިރު، އޭނާ ނެތްތައް ފޫބައްދަން ނައިވާދުއަށް މޮޅަށް ކުޅުނީ މުހައްމަދު ޝާއިންއެވެ. އޭނާ ހެޓްރިކް ހެދި އިރު، ފުރަތަމަ ހާފުގައި މަހިބަދޫގެ ފައުލް ހަމަވުމުން ލިބުނު ދުރު ޕެނަލްޓީތަކުގެ ފައިދާ ނައިވާދޫން ނެގިއެވެ.

ދެވަނަ ހާފަށް ނުކުމެ، މަހިބަދޫން ކުޅުން ރަނގަޅުކުރި އިރު، މަހިބަދޫގެ އާދަމް ފަހުމާންވެސް މެޗުގައި ހެޓްރިކް ހެދިއެވެ. އަދި އެޓީމުގެ އަނެއް ގޯލު ޖެހީ ބިޗަޑެވެ. ނައިވާދޫގެ އިތުރު ގޯލުތައް މެޗުގައި ޖެހީ އަހުމަދު ހަމީދު (އަންމަޑޭ) އާއި ޔޫސުފް ޝާއިފް އަދި އަބްދުﷲ ވިސާމެވެ.

ގަމާއި ނައިވާދޫ ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:00 ގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަހަރު 128 ޓީމު ވާދަކޮށްފައިވާ އިރު، ގަދަ ހަތަރު ޓީމުގެ ތެރެއިން ދެ ޓީމަކީ މިހާތަނަށް އަލަށް ސެމީގައި ވާދަކުރާ ޓީމުތަކެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ "ޕީއާރް" ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.