ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްވަނީ ފަށައިފައި: ނައިބުރައީސް

ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި މިއަދު ފެށި ފަސް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އައްޑޫސިޓީ ކެމްޕަސް ކުރިމައްޗަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޝަރަފުގައި އައްޑޫ ސްކޫލްތަކުގެ ސީނިއަރ ކެޑޭޓުން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތައުލީމީ ދާއިރާގައި ގައުމުތަކުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކުރައްވައި، މިފަދަ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ ތައުލީމީ މަންހަޖުތައް ދިރާސާކޮށް، ދަރިވަރުންގެ ކުރިއެރުމަށްޓަކައި މިފަދަ މަންހަޖުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަހަރުގެ މާޗްމަހުގެ ތެރޭގައި ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި ތައުލީމީ ދާއިރާގައި އެގައުމުން ފެނިވަޑައިގެންނެވި ތައުލީމީ ސިޔާސަތުތަކުން މިސާލު ނަންގަވައިގެން ބައެއް ކަންކަން ހިއްސާ ކުރެއްވިއެވެ.

ތައުލީމީ ދާއިރާގެ ކުރިއެރުމާއި ދަރިވަރުންގެ ވިސްނުން ތަރައްގީކުރުމަށް ހާއްސަ އިސްކަމެއްދީގެން ފިންލެންޑުގައި އެކުލަވާލާފައިވާ ތައުލީމީ މަންހަޖަކީ ތަފާތު ގޮތަކަށް ބައްޓަންކުރެވިފައިވާ މަންހަޖެއް ނަމަވެސް، އެމަންހަޖުގެ ސަބަބުން ފިންލެންޑަކީ ދުނިޔޭގެ ފެންވަރުގައި ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ގައުމަކަށްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ތައުލީމީ ދާއިރާގައި ދުނިޔޭގެ ފެންވަރާއި ގައުމީ ފެންވަރުގެ އިތުރުން ފަރުދީ ފެންވަރުގައި ބައިވެރިވުން އިތުރުކޮށް، ތައުލީމީ ދާއިރާގެ ފުންނާބުއުސް ފަރާތްތަކުގެ ހިޔާލާއި ފަންނީ މަޝްވަރާ ހިއްސާކުރުމަށް އެކަށޭނަ މާހައުލެއް ގާއިމްކޮށްދިނުމެވެ.