މިއަހަރުގެ މިނިވަން ދިވަހުގެ ރަސްމިއްޔާތުގެ އެކިއެކި ކަންތައްތަކުގައި ބައިވެރިވެވަޑައިގެން އެހީތެރިވެދިން ފަރާތްތަކުގެ އަގު ވަޒަންކޮށް ހޯމް މިނިސްޓްރީގެ ފަރާތުން ހަނދާނީ ލިޔުން ދެއްވައިފިއެއެވެ.
އެފަރާތްތަކުގެ އަގު ވަޒަންކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲ ބައިވެރިވެވަޑައިގެން ސްކޫލްތަކާއި، ފުޅަނދުތައް ތައްޔާރުކޮށްދެއްވި ކުންފުނިތަކާއި، ސިފައިންނާއި ފުލުހުންނާއި، މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަނާއި، މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި، މޯލްޑވްސް ސްކައުޓް އެސޯސިއޭޝަނާއި، ރެޑްކްރެސެންޓާއި، އައިޖީއެމްއެޗްގެ އިތުރުން އެކިގޮތްގޮތުން އެހީތެރިވި ވަކިވަކި ފަރުދުންނަށް ޝުކުރު އަދާކުރެއްވި އެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިއީ އަޅުގަނޑުމެން އެންމެން އެކުގައި އަޅުގަނޑުމެންގެ ގައުމަށްޓަކައި ކުރި މަސައްކަތެއްގެ އަގުވަޒަންކުރުމަށް އެކަމުގެ އުފަލުގައި ބާއްވާ ހަފުލާއެއް ކަމަށާއި މިއީ މިނިވަންކަމުގެ އުފަލުގައި އަޅުގަނޑުމެން އެންމެން ހިންގި ހަރަކާތްތަކުގައި ބައިވެރިވެވުނީތީ އެކަމުގެ އުފަލުގައި ބާއްވާ ހަފުލާއެއްކަމަމުގައެވެ.
އިންސާނެއްގެ ހަޔާތުގައި އެންމެބޮޑު އެއް އުފަލެއް އިހުސާސްކުރެވޭ އެކައްޗަކީ އޭނާގެ މިނިވަންކަމުގެ އުފާ ކަމާއި އެންމެބޮޑު ދެރަކަމާއި ނިކަމެތިކަން އިހުސާސްކުރެވޭ އެއްޗަކީ މިނިވަންކަން ގެއްލި އަޅުވެތިކަން އިހުސާސްކުރަން ޖެހުންކަން ފާހަގަކުރައްވައި މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ މިނިވަންކަމެއް ލިބެނީ ހާއްސަކޮށް އަޅުވެތިކަމެއްގެ ތެރެއިން މިނިވަންކަމެއް ލިބެނީ އެންމެން އެކުވެ އެއްބާރުލައި އަތުގުޅައިގެން އެކުގައި ކުރާ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ.
"މިނިވަންކަމެއް ލިބެނީ އެކުވެރިކަމުން. މިނިވަންކަން ގެއްލެނީވެސް އެކުވެރިކަމުން. މިނިވަންކަން ގެއްލިގެންދާއިރު އެބައެއްގެ އެގައުމެއްގެ އަހުލުވެރީންގެ އެކުވެރިކަން ގެއްލިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން. އެހެންވީމާ މިނިވަންކަމުގެ އަސްލަކީ މިނިވަންކަމުގެ އަސާސަކީ އެމިނިވަންކަމަށްޓަކައި އެންމެންވާ ގުރުބާނީއާއި އެންމެން އެކުގައި ކުރާ މަސައްކަތް ނުވަތަ ޖިހާދު." މިނިސްޓަރ ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި މިނިވަންދުވަހުގެ ރަސްމިއްޔާތަށް ހުށައެޅުންތައް ތައްޔާރުކޮށްދެއްވި ސްކޫލްތަކާއި، ފުޅަނދުތައް ތައްޔާރުކޮށްދެއްވި ކުންފުނިތަކާއި، ސިފައިންނާއި، ފުލުހުންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރި ޖަމްއިއްޔާތަކާއި، ވޮލަންޓިއަރުންވެސް ބައިވެރިވިކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.