ފްރާންސްގެ ޕެއިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ގުޅުމަކީ ކެރިޔަރުގައި އެޅުނު ބޮޑު ފިޔަވަޅެއް ކަމަށް އާޖެންޓީނާ ފޯވަޑް މައުރީސިއޯ އިކާޑީ ބުނެފިއެވެ.
އިޓަލީ ކްލަބު އިންޓަ މިލާނުގެ އިކާޑީ، ޕީއެސްޖީއާ ގުޅުނީ ޓްރާންސްފާ މުއްދަތުގެ އެންމެ ފަހު ދުވަހުއެވެ. ލޯނުގެ ދަށުން އޭނާ ޕީއެސްޖީއާ ގުޅުނީ މިސީޒަނުގެ ނިޔަލަށެވެ.
މިދިޔަ ސީޒަނުގައި އިކާޑީއަށް އިންޓަގެ ކެޕްޓަންގެ މަގާމު ގެއްލިގެންދިޔަ އިރު، މިސީޒަނުގައި އެކްލަބުގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭންތަކުގައި ވެސް އިކާޑީ ހިމެނިފައެއް ނުވެއެވެ. ލޯނުގެ ދަށުން ޕީއެސްޖީއާ ގުޅުމުގެ ކުރިން އިކާޑީ ވަނީ އިންޓައާއެކު ހަދާފައިވާ އެއްބަސްވުން ވެސް އާކޮށްފައެވެ. އިންޓައާއެކު އިކާޑީ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2022 ވަނަ އަހަރުއެވެ.
އިކާޑީގެ ލޯނު އެއްބަސްވުމުގައިވާ ގޮތުން، 70 މިލިއަން ޕައުންޑުގެ އަގަކަށް ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ޕީއެސްޖީއަށް އިކާޑީ ގެންދިއުމުގެ ފުރުސަތު ލިބެއެވެ. ޕީއެސްޖީ ޓީވީއަށް ދިން އިންޓަވިއުއެއްގައި އިކާޑީ ބުނީ ޕީއެސްޖީއާ ގުޅުމަށް ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ.
"މިއީ އަހަރެންގެ ކެރިޔަރުގައި އެޅުނު ބޮޑު ފިޔަވަޅެއް. މިއީ ލިބުނު ބޮޑު ފުރުސަތެއް. ހުނަރުވެރި ކުޅުންތެރިންތަކަކާއެކު ކުޅެން ލިބުމުން ވަރަށް އުފާކުރަން. އަހަރެން މި އުނދަގޫ ނިންމުން ނިންމީ މި ކުޅުންތެރިންނާއެކު ކުޅެން ބޭނުންވާތީ. މި ޓީމުގައި ތިބި އާޖެންޓީނާ ކުޅުންތެރިން އަހަރެން ވަރަށް ރަނގަޅަށް ދަންނަން. އެޑިންސަން ކަވާނީ ދަންނަން. ނޭމާ ވެސް ދަންނަން. އެ ކުޅުންތެރިންނާ އެއް ޓީމަކަށް ކުޅުމުގެ ފުރުސަތު ލިބޭތީ އަހަރެން ފަހުރުވެރިވަން،" އޭނާ ބުންޏެވެ.
އިކާޑީ ބުނީ އޭނާއަކީ ގިނަ ގޯލުތަކެއް ޖަހަން ބޭނުންވާ ސްޓްރައިކަރެއް ކަމަށާއި މޮޅެތި އެޓޭކިން ކުޅުންތެރިންތަކަކާއެކު ކުޅުމުގެ ފުރުސަތު ލިބޭތީ ވަރަށް އުފާކުރާ ކަމަށެވެ.