ޚަބަރު

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން

މިމަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖައްސައިފިއެވެ.

މިމަހުގެ 29 އަދި 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯގެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާއިރު އެކްސްޕޯގެ 80 ޕަސެންޓް ސްޓޯލްތައް ބުކް ކޮށްފައިވާ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ.

އެ އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގެ 1،500 އެއްހާ ޕްރޮފެޝަަނަލުންނާއި 150 އެގްޒިބިޓަރުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، އެކްސްޕޯގެ ތެރެއިން ވިޔަފާރިއާ ގުޅުންހުރި ހަތަރު ސަމިޓެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެއީ ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓަކާއި އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓެއްގެ އިތުރުން ޓެކް ސަމިޓާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެވެ.

އެ ސަމިޓުތަކުގެ ބައިވެރިންނަށް ލިބިފައިވާ ކާމިޔާބީއާއި ތަޖުރިބާ އެހެން ވިޔަފާރިވެރިންނާ ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ ކަންކަމާއި އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާމެދު ބައިވެރިންގެ މެދުގައި ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ވެސް ސަމިޓުތަކުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.

ކޯޕަރޭޓް މޯލްޑިވްސް އަކީ 2010 ވަނަ އަހަރުން ފެށިގެން މާކެޓިން މަސައްކަތުގައި ހަރަކާތްތެރިވަމުން އައިސް އަދި މިދިޔަ މޭ މަހުގެ ތެރޭގައި މީޑިއާއަށް ހާއްސަ ކުންފުންޏަކަށް ބަދަލުކުރި އޯކާ މީޑިއާ ގުރޫޕްގެ ޕްރޮޑަކްޓެކެވެ.

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖެހުމުން، އެ އެކްސްޕޯ ޕްރޮމޯޓު ކުރުމުގެ ގިނަ ހަރަކާތްތަކެއް ވަން އޮންލައިން އިން ކުރިއަށް ގެންދާނެއެވެ. އެގޮތުން އެކްސްޕޯގެ މުހިންމު ހަރަކާތްތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ވަން އޮންލައިން އިން މަސައްކަތް ކުރާނެއެވެ.