ޚަބަރު

ބާ ކައުންސިލުން ޝުޖޫން އިސްތިއުފާ ދެއްވައިފި

ފަތޯނާ ފާއިޒު

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އިސްތިއުފާ ދެއްވައިފިއެވެ.

ބާ ކައުންސިލުން ޝުޖޫން އިސްތިއުފާ ދެއްވާފައި މިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރުމަށް މަޖިލީހުން މިއަދު ރުހުން ދިނުމުންނެވެ. މިއީ ރާއްޖޭގެ ތާރިހުގައި ފުރަތަމަ ފަހަރަށް މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަން މަޖިލީހުން ރުހުން ދިން ފަހަރެވެ.

އޭނާ އާއި ޑރ. އަޒްމިރަލްދާ ޒާހިރަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

ޝުޖޫނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ދެ ބޭފުޅުންގެ ނަންފުޅު ރައީސް އިބްރާހިމް މުހައްމަދު ފޮނުއްވީ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުންނެވެ.