ކަނޑުމަގުން ކުރެވޭ އެކިއެކި ވިޔަފާރިތަކަކީ ދުނިޔޭގެ ކަނޑުތަކާބެހޭ ގާނޫނުތަކާ އެއްގޮތަށް ހިނގަމުން އަންނަ ވިޔަފާރިތަކެއްކަން ކަށަވަރުކުރެވެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމެނިކުފާނު އެހެން ވިދާޅުވީ މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ފެށި ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފެރެންސްގައި ވާހަކަފުޅުދައްކަަވަމުންނެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ބަލާ އިރު، ކަނޑަކީ ދިވެހިންގެ ލޭނާރާ ގުޅިފައިވާ ތަނެއް ކަމަށެވެ.
އެގޮތުން ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، ކަނޑުމަގުން ކުރެވޭ އެކިއެކި ވިޔަފާރިތަކަކީ ދުނިޔޭގެ ކަނޑުތަކާބެހޭ ގާނޫނުތަކާ އެއްގޮތަށް ހިނގަމުން އަންނަ ވިޔަފާރިތަކެއްކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރެވޭ އިންސާނީ ވަގުފާރިއާއި ޑްރަގްގެ ވިޔަފާރީގެ ދޮރުތައް ބަންދުކުރެވި، ދެމެހެއްޓެނިވި ނޫންގޮތްގޮތަށާއި ގަވާއިދާ ހިލާފަށް ކުރެވޭ މަސްވެރިކަންފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދު، އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް މުހިންމުވާ މައިގަނޑު ސަބަބަކީ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ކަނޑު ހުރަސްކޮށް ކުރެވޭ ވިޔަފާރީގެ ދުނިޔޭގެ 40 އިންސައްތައަށް ވުން ކަމަށެވެ. އަދި ކޮންޓެއިންނަރު ބޯޓު ފަހަރުގެ ދެބައިކުޅަ އެއްބައި އުޅަނދު ދަތުރުކުރާ އަދި ދުނިޔޭގެ ނިސްބަތުން ކަނޑުމަގުން އުފުލާ ތެލުގެ ތިން ބައިކުޅަ ދެ ބައި ދަތުރުކުރަނީ އިންޑިއާ ކަނޑުގެ ސަރަހައްދުންކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސަބަބުތަކާ ހުރެ މި ސަރަހައްދުގެ ގައުމުތަކުގެ ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރުމަށް އިންޑިއަން އޯޝަން ކޮންފަރެންސް ފަދަ ކޮންފަރެންސްތައް ބޭއްވުމުގެ މުހިންމުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިފަދަ މަހާސިންތާތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މި ސަރަޙައްދުގެ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިހާރުވެސް އަވަށްޓެރި ބައެއް ގައުމުތަކާ ގުޅިގެން ކުރިއަށްގެންދެވޭ ކަނޑުމަތީގެ ބައެއް ތަމްރީނުތަކާއި އޮޕަރޭޝަންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާ ބެހޭ ގޮތުން، ސަރަހައްދީ ގައުމުތަކުން މަޝްވަރާ ކުރުމަށް ބާއްވާ "އިންޑިއަން އޯޝަން ކޮންފަރެންސް" ނިމޭނީ މާދަމާއެވެ.