ސައުދީ އަރަބިއްޔާގައި މިމަހު ބާއްވަން ހަމަޖެހިފައިވާ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވާ ދިވެހި ދަރިވަރުންނާ އިސްލާމިކް މިނިސްޓަރު ޑރ. އަހމަދު ޒާހިރު އަލީ ބައްދަލު ކުރައްވައިފިއެވެ.
މިމަހުގެ ހަތަކުން 11 އަށް މައްކާގައި ބާއްވާ 41 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަނީ ބ.އޭދަފުށި/ ޖަންބުމާގެ، މުހައްމަދު މުސްތަފާ އާއި ތ. ގުރައިދޫ/ އިރުދޭމާގެ، ހަސަން އާހިލްއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ ދެކުދިންގެ ތެރެއިން މުހައްމަދު މުސްތަފާއަކީ ޤުރުއާން ހިތުދަސްކޮށް، ހާފިޒު ކަމުގެ ސަނަދު ހޯދާފައިވާ ކުއްޖެއް ކަމަށެވެ. އަދި އޭނާ މީގެ ކުރިން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ރޯދަމަހު ކުރީކޮޅު ދުބާއީގައި ބޭއްވި މުބާރާތާއި މިދިޔަ އަހަރު މިސްރުގައި ބޭއްވި މުބާރާތް ހިމެނޭ ކަމަށެވެ.
މުބާރާތުގައި ރާއްޖޭގެ ފަރާތުން ދެން ބައިވެރިވާ އާހިލްއަކީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 10ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ ދެ ބައިވެރިން ވެސް މިހާރު ސައުދީއަށް ފުރާފައިވާ ކަމަށެވެ. އަދި އެކުދިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށް ބުންޏެވެ.
ކިންގް އަބްދުލްއަަޒީޒް އިންޓަރނޭޝަނަލް ހޮލީ ޤުރުއާން ކޮމްޕެޓިޝަން ފޮ މެމޮރައިޒޭޝަން، ރެސިޓަލް އެންޑް އެކްސްޕްލެނޭޝަން މުބާރާތަކީ ސައުދީގެ ރިލިޖެސް އެފެއާސް އަދި ދައުވާ މިނިސްޓްރީން ކޮންމެ އަހަރަކު އިސްލާމީ ގައުމުތަކަށާއި މަދުން މުސްލިމުން އުޅޭ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
އެ މުބާރާތުގައި 2010 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އަންނަނީ ބައިވެރިވަމުންނެވެ. މިއަހަރުގެ މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސެއިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.