މާލޭގައި ދުއްވަމުންދިޔަ ޓެކްސީއަކަށް ގެއްލުންދީ، އެ ޓެކްސީގެ ޑްރައިވަރާ މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ބުނީ، އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދިޔަ ދެ މީހަކު، އެމަގުން ދިޔަ ޓެކްސީއަކަށް ގެއްލުންދީ، އެ ޓެކްސީގައި އިން ޑްރައިވަރާ މާރާމާރީ ހިންގިކަމުގެ ރިޕޯޓެއް މިއަދު ހަވީރު 4:36 ހާއިރު ހުށަހެޅި ކަމަށެވެ.
އެ މާރާމާރީ ހިންގުމަށްފަހު އެކަން ކުރި މީހުން ފިލާފައިވާއިރު މާރާމާރީގައި ޑްރައިވަރުގެ ލޯމަތީގައި ޖެހުމުގެ ސަބަބުން ލޯމަތި ރަތްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ޓެކްސީއަށް ގެއްލުން ދިނުމުގެ ސަބަބުން ކާރުގެ ބައެއް ތަންތަން ވެސް ވަނީ ބަނޑި ކޮށްލައިފައެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާއިރު ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.