ޚަބަރު

ހައްދުފަހަނައަޅާ ދިއުން ހުއްޓުވޭނީ އެކަން ދިމާވާ ސަބަބާމެދު ވާހަކަ ދެކެވިގެން: ރައީސް

ފަތޯނާ ފާއިޒު

ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވޭނީ އެކަން ކަމަށް މަގުފަހި ކުރުވާ ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދެކެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާއްވާ ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ފެށުމަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޓެރަރިޒަމާއި ހައްދު ފަހަނައަޅާ ދިއުމަކީ މި ގަރުނުގައި ދިމާވެފައިވާ ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ޓެރަރިޒަމާއި ހައްދު ފަހަނައަޅައި ދިއުމުގެ އަމަލުތައް ހިންގުމަށް ވާގިވެރިވާ މީހުންނަކީ ޒުވާނުންގެ ވިސްނުމާ ކުޅެ، ޒުވާނުން ލައްވައި އެމީހުން ބޭނުންވާ ކަންކަން ކުރުވާ ބައެއް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރަހައްދީ ގައުމުތައް ގުޅިގެން ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރެވިދާނެ ކަމަށާއި އެކަމަށްޓަކައި ރީޖަނަލް އިންޓެލިޖެންސް އެޖެންސީތަކުން ފަސޭހަކަމާއެކު މައުލޫމާތު ބަދަލު ކުރެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުން މުހިންމު ކަމަށެވެ.

އަދި ވިދާޅުވީ، ރާއްޖޭގެ ބޮޑު ބައެއް ހިއްސާ ކުރަނީ ކަނޑުގެ ސަަރަހައްދު ކަމަށް ވުމުން، ކަނޑު ދަތުރުފަތުރުގެ ސަލާމަތްތެރިކަން ވަރުގަދަ ކުރުމަކީ ރާއްޖެއަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން، އިންޑިއާ ކަނޑު ހިއްސާކުރާ ގައުމުތައް ހިމެނޭ އިންޑިއަން-އޯޝަން ރިމް އެސޯސިއޭޝަން (އައޯރާ)ގެ މެމްބަރު ގައުމަކަށް ރާއްޖޭ ވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ގިނަ ދުވަސްތަކެއް ވަންދެން ހާސިލްކުރަން ބޭނުންވެފައިވާ ލަނޑުދަނޑިއެއްކަން ފާހަގަކުރައްވާ ރައީސް ވަނީ، އަންނަ މަހު ދުބާއީގައި ބާއްވާ ކައުންސިލް އޮފް މިނިސްޓާސްގެ 19 ވަނަ ބައްދަލުވުމުގައި އެކަން ރަސްމީކޮށް ހަމަޖެހިގެންދާނެ ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އަމަން އަމާންކަން ގާއިމް ކުރުމުގެ ފްރޭމްވޯކެއް އެކުލަވާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ސެކިއޮރިން ދަ އިންޑިއަން އޯޝަން ރީޖަން - ޓްރެޑިޝަނަލް އެންޑް ނޮން ޓްރެޑިޝަނަލް ޗެލެންޖަސް"އެވެ.

މާދަމާގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސްގެ ޗެއާ ކުރައްވަނީ މިހާރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.

މިކޮންފަރެންސްގައި އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)، ޓީމޯލެސްޓޭގެ ކެބިނެޓް މިނިސްޓަރުންގެ އިތުރުން އޮމާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ޓެންޒޭނިއާ، މިޔަންމާ، ޖަޕާން، ޕަޕުއާ ނިއުގިނީގެ އިތުރުން އިންޑޮނީޝިއާގެ ޑެޕިއުޓީ މިނިސްޓަރުންނާއި އެމެރިކާ، ރަޝިޔާ، ޗައިނާ، ވިއެޓްނާމް އަދި މަޑަގަސްކަރައިން އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވައެވެ.