ޚަބަރު

ޑައިބިޓީޒް ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް

އަހުމަދު ޖައިޝަން

މިއަހަރުގެ ދުނިޔޭގެ ޑައިބިޓީޒް ދުވަހާ ގުޅިގެން ބޮޑެތި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

މިއަހަރުގެ ދުނިޔޭގެ ޑައިބިޓީޒް ދުވަހަކީ މި މަހުގެ 14 ވަނަ ދުވަހަށް ވާއިރު އެ ދުވަހުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިިޔުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ޑައިބިޓީޒް ދުވަހުގެ ރަސްމީ ހަރަކާތް ކުރިއަށް ދާނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މިމަހުގެ 14 ވަނަ ދުވަހު ޑައިބިޓީޒް އަށް ހޭލުންތެރި ކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ކުރިއަށް ގެންދާނެ ކަމަށާއި އޮފީހުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އޮފީސްތަކުގައި ޑައިބިޓީޒް ދުވަސް ފެށުމަށް ހަމަޖެހިފައިވަނީ ހާއްސަ ކަސްރަތެއްގެ ގޮތުގައެވެ. އަދި އެ ކަސްރަތުތަކާއެކު އެއް އޮފީސް އަނެއް އޮފީހާ ވާދަކުރާ މުބާރާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޕީއޭ އިން ބުނީ 16 ވަނަ ދުވަހުގެ ރަސްމީ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަސްފަންނުގައި ކަމަށެވެ. އެ އިވެންޓުގައި ކަސްރަތުކުރުމާއި ސިއްހަތަށް ފައިދާ އާދަތައް ގެންގުޅުމަށް އާދަކުރުވާ ޑައިބިޓީޒްއާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.

އެ އިވެންޓުގައި ގިނަ ފަރާތްތަކެއް ބައިވެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑައިބިޓީޒް ދުވަހާ ދިމާކޮށް ޑައިބިޓީޒްއާ ގުޅޭގޮތުން މީޑިއާ ހޭލުންތެރިކުރުމަށް މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޑައިބިޓީޒް އަކީ ކޮބައިކަމާއި ޑައިބިޓީޒްއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ވަނީ ކިޔަދީފައެވެ.