މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ގުޅޭގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކާއި މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ނެރުއްވި ކުރު ބަޔާނެއްގަ އެވެ.
ކޮމިޝަން އެކުލަވާލުމުގެ އެއް މަގުސަދަކީ ރިލްވާނަށް ވީގޮތް ހޯދައި، އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ އިތުރުން މިފަދަ ކަމެއް އަލުން މުޖުތަމައުގައި ހިނގިޔަ ނުދިނުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުންކަން ރައީސް ސޯލިހުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.
މިމަހު އެއްވަނަ ދުވަހު މަރުތައް ބަލާ ކޮމިޝަނުން ވަނީ ރިލްވާންގެ މަރާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދީފައެވެ. އަދި އިއްޔެ މި މައްސަލައިގެ ރިޕޯޓު ވަނީ ކޮމިޝަންގެ ފަރާތުން މަޖިލީހަށްވެސް ހުށަހަޅާފައެވެ. އަދި އެކޮމިޝަނުން ހިންގި ތަހުގީގުގެ ދެވަނަ ޑްރާފްޓެއް ކޮމިޝަނުން ރައީސް ސޯލިހު އަށް ހުށަހަޅާފައިވެއެވެ.