ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު އެ ގާނޫނު ޝާއިއު ކުރައްވާފައިވާކަމަށެވެ.

މި ބިލަށް ގެނެސްފައިވާ އިސްލާހު ތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތަކަށާއި، ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކޮށް ވަކިކުރުމާއި، ކޮމިޝަނުގެ ޖަލްސާތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުމާއި ބެހޭގޮތުންނާއި، ޖުޑީޝަލް އެކެޑަމީއާއި ބެހޭގޮތުންނާއި، ކޮމިޝަނުގެ ނުވަތަ ތަހުގީގުކުރާ ކޮމިޓީގެ ބާރުތަކުގެ އިތުރުން މައްސަލަ ސާބިތުކުރުމުގައި ބެލޭނެ މިންގަނޑުތަކަށް ގެނެވުނު އިސްލާހުތައް ހިމެނެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 21 ގައި ބޭއްވި ޖަލްސާގައެވެ.