ޚަބަރު

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އާއި މީރާގެ ބޯޑު ބަދަލުކުރާ އިސްލާހު މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މިހާރު ހުންނެވި ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑު އަލުން އެކުލަވައިލަން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލުގައިވާގޮތުން، މިގާނޫނަށް އަމަލު ކުރަންފަށާނީ ރައީސް ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރުމުންނެވެ.

އަދި ބިލް ރައީސް ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެއެވެ. ހަމަ އެއާއެކު މީރާގެ ބޯޑުވެސް އެކުލަވާލަން ޖެހޭނެއެވެ.

މި ބިލުން މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަން ކުރުމުގެ ބާރު ވަނީ ރައްޔިތުންގެ މަޖިލީހަށާއި ރައީސުލް ޖުމްހޫރިއްޔާއަށް ދީފައެވެ.

މި ބިލުގައި ބުނެފައިވަނީ، މީރާގެ ބޯޑު އެކުލެވިގެން ވާނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށެވެ.

އެއީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ މީހަކާއި ރައީސް އައްޔަން ކުރާ ފަސްމެމްބަރުންނާއި ކޮމިޝަނާޖެނެރަލް އޮފް ޓެކްސޭޝަނެވެ.