މާލެގެ ގެއަކުން ވަގަށް ނެގި ބައެއް ސާމާނު ފުލުހުން ހޯދައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދިޔަ އޮގަސްޓް މަހު 27 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މި މައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން ވަގަށް ނަގާފައިވާ ބައެއް ތަކެތި ރޭގެ ވަގުތެއްގައި ފުލުހުންނަށް ވަނީ ހޯދިފައެވެ. އެގޮތުން ރޭ ހޯދާފައިވަނީ އޭސާ ލެޕްޓޮޕެއްގެ އިތުރުން، 13 އިންޗި މެކް ބުކަކާއި އަދި އައިފޯނު ހަތަރެއް މޮޑެލްގެ ފޯނެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މިތަކެތި ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖްގެ އެހީތެރިކަމާއެކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ތުހުމަތު ކުރެވޭ ފަރާތެއް ހޯދިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.