ޚަބަރު

ދަފްތަރުގެ މައްސަލައަށް ހައްލެއް އަންނަންޖެހޭ: އީސީ

ޝަހީދާ އަބްދުﷲ ސައީދު

1

މާލޭގެ ދަފުތަރުގައި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް އަންނަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު އާދަމް ވިދާޅުވެއްޖެ އެވެ.

ދަފުތަރަށް މީހުން އިތުރުވަމުންދާތީ ދާއިރާ އިތުރުކުރަންޖެހޭ މައްސަލަ ފާހަގަކުރައްވާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ މާލޭގެ ދެ ދާއިރާއަކަށް މަޖިލީހުގެ ގޮނޑި އިތުރު ކުރަންޖެހުނީވެސް ދަފުތަރުގައި ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ ކަމަށެވެ.

އެހެންކަމުން ދަފުތަރަށް މީހުން އިތުރުވާ މައްސަލައަށް ހައްލެއް އަންނަންޖެހޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ދަފުތަރުގެ ޕޮލިސީއާ އެއްގޮތަށް މާލޭގެ ދާއިރާތައް ބެހިގެންދާނަމަ، މާލޭގެ ދާއިރާތަކަށް މަޖިލީހުގެ ގޮނޑި އިތުރުކުރަން ޖެހިދާނެ ކަމަށެވެ. އަދި މާލޭގެ ދާއިރާއަށް އިތުރު ބަދަލެއް ގެންނަން ރައްޔިތުންގެ މަޖިލީހުން އީސީގައި އެދިއްޖެނަމަ، އެކަމަށް މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

މީގެއިތުރުން ދަފުތަރަށް އައި ބަދަލާ ގުޅިގެން މިހާރު ވަނީ މާލޭގެ ދާއިރާތަކުގެ ގޮތުގައި ދެ ދާއިރާއެއް ހިމަނަން ނިންމާފައެވެ. އެއީ މިހާރު އޮތް ހުޅުހެންވޭރު ދާއިރާގެ ބަދަލުގައި ހެންވޭރު ހުޅަނގު ދާއިރާއާއި، އަދި މައްޗަންގޮޅި މެދު ދާއިރާއެވެ.

އަދި ހުޅުހެންވޭރު ދާއިރާގައި ކުރިން ހުޅުމާލޭ ހިމެނޭ އިރު، މިހާރު ހުޅުމާލޭ އޮންނާނީ ވަކި ދާއިރާއެއްގެ ގޮތުގައި ކަމަށް ވެސް އީސީން ބުނެފައި ވެއެވެ. މި ދާއިރާތައް ފިޔަވައި އެހެން އެއްވެސް އިންތިޚާބީ ދާއިރާއަކަށް ވެސް އަދި އިންތަކަކަށް ވެސް ބަދަލު ގެންނަން ހަމަޖެހިފައި ނުވާކަމަށް އީސީން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟