ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގައި، އިތުރަށް ހެކިބަސް ނެގުމަށް ބާއްވާ މިއަދު ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.
މިއަދު 10:30 ގައި ފަށަން ތާވަލް ކޮށްފަިއވާ މިއަދުގެ ޝަރީއަތުގެ މަޖިލިސް ފަށާފައި މިވަނީ ބައިގަޑިއިރުގެ ލަސް ވުމަކަށްފަހު 11:00 ގަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އޮތީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.
މިއަދު ފުރަތަމަ ހެތްކެއްގެ ގޮތުގައި ދައުލަތުން ހާޒިރުކޮށްފައިވަނީ ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑައިރެކްޓަރ މުހައްމަދު ޝަރީފް އެވެ.
ޝަރީފަށް ދައުލަތުގެ ވަކީލު ސުވާލު ކުރައްވަމުން ގެންދަވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެކްސްކްރޯ އެކައުންޓާ ބެހޭގޮތުންނެވެ.
މިއީ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޝަރީއަތުގެ ތިންވަނަ އަޑުއެހުމެވެ.
މި ޝަރީއަތުގެ އަޑު އެހުމެއް އެންމެފަހުން ބާއްވާފައިވަނީ، އޯގަސްޓް މަހު 22 ގައއެވެ.
އެދުވަހުގެ އަޑުއެހުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ރައީސް ޔާމީނާ ދެކޮޅަށް ހެކިންގެ ގޮތުގައި ހާޒިރުކޮށް ވަނީ ހެކިބަސް ނަގައިފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.